ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރަޝީދުގެ ކެމްޕޭނު ލޯންޗުކުރުމަށް އެ ޕާޓީގެ އެންމެ އިސްލީޑަރުގެ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ރޭ ކޮމަންޑޫ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެންވަޔަރަމެންޓް މިނިސްޓަރު މަރިޔަމް ޝައުނާގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވެސް ވާހަކަ ދެއްކެވިއެވެ.

އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ލާމަރުކަޒުކޮށް ލާމަރުކަޒުކޮށް ރައްޔިތުންނަށްވާ ވައުދުތައް ފުއްދޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށެވެ. އުމްރާނީ ގޮތުން ރަށްރަށުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށާއި އެމްޑީޕީގެ "އެޖެންޑާ 19" ގައި ހިމެނޭ ވައުދުތައް ފުއްދަން މަސައްކަތްކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގައި އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނަށް ވެސް ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ހޮސްޕިޓަލެއް އެޅިދާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.

އައިޖީއެމްއެޗް ކައިރީގައި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ އިތުރު ޓަވަރެއް އެޅި ނަމަވެސް މާލެ ދިޔުމަށް ކުރާ ދަތުރަށާއި އެކަމަށް ހޭދަވާ ވަގުތަށް ބަދަލެއް ނާންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް ވާދަކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

މި ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކުރައްވާ ފަތުހީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އޭނާއަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ.

ޕީޕީއެމްއާއި އެމްޑީޕީގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އުފެއްދެވި އެމްއެންޕީން ވެސް މި ދާއިރާއަށް ވާދަކުރައްވައެވެ. އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި އުޅުއްވި އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަބް ބަދްބާޝް

    މިހާރު ކެންޕޭން އެކުރައްވަނީ އަމިއްލަ ޙަރަދުގަތޯ ނޫނީ ރައްޔިތުންގެ ބޭތުލްމާލުންތޯ ބޭފުޅަކު ވިދާޅުވެ ދެއްވަބަލަ މީގެ ކުރީގެ ރައީސުންނައް ކެންޕޭން ކުރައްވަނީ ސަރުކާރާއި ރައްޔިތުންގެ ފައިސާއިންކަމައް ގޮވާ ދައުވާ ކުރިމީހުން މިއަދު މިކުރަނީ ކޮންކަމެއްތޯ ވެންޓިލޭޓަރތައް މީދާކާލިއިރު މާސްކް އެއްހާށހިސާބްވެސް ރައްޔިތަކައް ދިއްކޮއްނުލާ މިހާރު ކޮމަންޑޫ ދާއިރާޔައް އެކިއެކި ކަންކަން އޮއްސަލައްވަނީ ހަމަ ރައްޔިތުންގެ ފައިސާއިން ބާތްކަރޭންގާ ސަބް