ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ ގއ.ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ މިދުވަސްވަރު ކޮވިޑުގެ ވޭދަނަތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޫއްޑޫ ޖެޓީ އާއި ބޯޓުތަކަށް މަސް ކިރުވުގައި މަސްވެރިން ބައެއް ކަންތައްތަކަށް ސަމާލުވުމަށް ކޫއްޑޫ ފިޝަރީޒުން ވަނީ މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.

އަޅަން ނިންމާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި މަސް ކިރަން ކޫއްޑޫއަށް ނުވަތަ ބޯޓަށް އަރާ މަސްވެރިން މާސްކު އަޅައިގެން ތިބުމުގެ އިތުރަށް، ކޫއްޑޫއަށް ނުވަތަ ބޯޓަށް މަސް ކިރަން ކޮންމެ ދޯންޏަކުން އެރޭނީ ދެމަސްވެރިންކަމަށް ވަނީ މިހާރު ވަނީ ކަނޑައަޅާފައެވެ.

އަދި ވިޔަފާރި ކުރުމަށް ފިހާރައަށް ވަދެވޭނީ ކޮންމެ ދޯންޏަކުން އެންމެ މަސްވެރިއަކަށް ކަމަށާއި އަދި ވޯކްޝޮޕްގެ ޙިދުމަތް ހޯދުމަށްވެސް ދެވޭނީ ދޯންޏަކުން އެންމެ މަސްވެރިއެއް ކަމަށްވަނީ ކަނޑައަޅާފައެވެ. ކޫއްޑޫ ފިހާރައިން އެއްފަހަރާ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފަސް މީހުންނަށެވެ.

މަފަދަ ކަންކަމުގައި މަސްވެރިންގެ ފަރާތުން މިހާތަނަށް ލިބެމުން އަންނަ އެއްބާރުލުމަށް ކޫއްޑޫން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ކޫއްޑޫގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރުނެވެ. ކޫއްޑޫން މިދިޔަ އަހަރު ކޮވިޑަށް ގިނަ ބަޔަކު ފައްސިވުމުން އެރަށް މޮނިޓަރިންގައި 55 ދުވަހު ބޭއްވިއެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އިއްޔެ ވަނީ ކޮވިޑް ބަލި މީހުންގެ އަދަދު ވެސް 3300 އަށް އަރާފައެވެ. އިއްޔެ އަކީ ފާއިތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު