ރާއްޖެ އެތެރެ ކުރުން މަނާ ދޫނިތަކެއް އަނބުރާ ފޮނުވާލެވެން އޮއްވާ ފިޝަރީޒް މިނިސްޓްރީން އަނިޔާވެރި ގޮތަކަށް އެ ދޫނިތައް މަރާލި މައްސަލައިގައި ކަން ހިނގި ގޮތް ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައި 3-4 ދުވަސް ވެފައިވާ 130 އެއްހާ ދޫނި މަރާލާފައިވާކަން އިއްޔެ ހާމަވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އަނިޔާވެރި ގޮތެއްގައި އެ ދޫނިތައް މަރާލާ ވީޑިއޯ ވެސް މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ދޫނިތައް މަރާލި މައްސަލަ މިހާރު އެ މިނިސްޓްރީން ބަލަމުންދާ ކަމަށާއި މައްސަލައިގައި އެއްޗެއް ވިދާޅުވެވެން އޮތީ ކަން ހިނގި ގޮތް ރަނގަޅަށް ސާފު ކުރުމަށް ފަހުގައި ކަމަށެވެ.

އެގޮތުން މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) އާއި ފިޝަރީޒް މިނިސްޓްރީއާ ދޭތެރޭ މީގެ ކުރިން މަޝްވަރާތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އޭޖީ އޮފީހުން އެ މިނިސްޓްރީއަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާނެ ކަމަށާއި، އެ މިނިސްޓްރީންވެސް އޭޖީ އޮފީހަށް ތުހުމަތުތަކެއް ކޮށްފައި ނުވާ ކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވި ނަމަވެސް އެފަދައިން އެތެރެކުރާ ދޫނިތައް މަރާނުލާ، އަނބުރާ އެ އެތެރެކުރި ގައުމަކަށް ފޮނުވާލުމުގެ ފުރުސަތު ގާނޫނާއި ގަވައިދުން ފަހިކޮށްދީފައި އޮންނަކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިނިސްޓްރީއަށް ފޮނުވި ލަފާގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޫނި

    ސާބެހޭ ރައީސް ހޯލިހު

  2. fala

    KAMEH NUVA BAEH.. LADHU HAYAI KUDA

  3. ޢަލީ

    ބަލަ މަރާލާފަ ދެން ކޮން މައްސަލައެއް ބަލާކަށް، ޒިންމާނަގާ އިސްތިއުފާދޭންވީނު، ތިމާގެ މިނިސްޓްރީގައި ހިންގާ ކަންކަން ނޭނގޭ މިނިސްޓަރަކު ކީއްކުރާ މިނިސްޓަރެއް، ދެން މަސައްކަތުމީހާއާމެދު ފިޔަވަޅު އަޅާ އެސޮރުވަޒީފާއިން ވަކިކުރީމަ ނިމުނިދޯ. އެހެން އެކަން ވެގެން ނުވާނެ، މިނިސްޓަރު އިސްތިއުފާ ދެއްވަންޖެހޭނީ، އިބޫ ސާލިހަށް ގޮވާލަން ފިޝަރީޒް މިނިސްޓަރ ބޭރުކުރަން.