ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާގެ ޝަރީއަތް ލަސްވަނީ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަކު ޗުއްޓީގައި ހުންނެވުމުން ކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާ އުފުލައިފައިވާ މީހުންގެ ޝަރީއަތްތައް ލަސްވާތީ ބައެއް ބޭފުޅުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެގޮތުން މައްސަލަ ކުރިއަށްދާ ގޮތް މޮނީޓާ ކުރަން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވެސް ވަނީ މައްސަލައިގެ ސްޕީޑާއިމެދުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިގޮތުން މޭ ހައެއްގެ ހަމަލާއަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި މިހާތަނަށް އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ އެންމެ މީހަކަށް ކަމަށާއި ދެންތިބި މީހުންގެ ޝަރީއަތްތައް އަދި ތާވަލްކޮށްފައިނުވާކަން ފާހަގަ ކުރައްވާ އައްބާސް ވަނީ ޝަރީއަތް ލަސްކަމުގައި ޝަކުވާ ކުރައްވާފައެވެ. އައްބާސްގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މިކަމާއި ގުޅިގެން މިއަދު "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ކުރިޔަށް ދަނީ ތިން ގާޒީންގެ ބެންޗަކުން ކަމަށާއި އަދި މިވަގުތު ޝަރީއަތްތައް ތާވަލު ނުކުރަނީ މައްސަލަ ބައްލަވާ އެއް ގާޒީ ޗުއްޓީގައި ހުންނެވުމުން ކަމަށެވެ. އެގޮތުން ގާޒީ ނުކުންނެވިހާ އަވަހަކަށް މައްސަލައިގެ އަޑުއެހުންތައް ތާވަލްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ގިނަ އަދަދެއްގެ ލިޔެކިޔުންތަކަކާއި ސީޑީތަކެއް ހިމެނޭތީ މައްސަލަ ރައްދުވާ ފަރާތުން މައްސަލަ ދިރާސާ ކުރަން އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށް ވެސް އެދިފައިވާ ކަމަށާއި ކޯޓަށް ހާޒިރުވެ ލިޔުންތައް ހަމަތޯ ބެލުމާ އަދި ސާފު ނޫން ލިޔުންތައް ފާހަގަ ކުރުމާއި ސީޑީތައް ބަލަން ބޭނުންވާ ފަރާތްތަކަށް އެ ދެއްކުމުގެ މަސައްކަތް މިހާރު ވެސް ކޯޓުގައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ދެ ފަރާތުންގެ ވަކީލުންނާ މަޝްވަރާކޮށް، ދެ ހަޝްމުންނަށް ދޭން ޖެހޭ އެކަށީގެންވާ ވަގުތާއި ހައްދުތައް ދީގެންކަން ފާހަގަ ކުރައްވާ އޭނާ އިތުރަށް ވިދާޅުވީ ބައެއް ލިޔެކިޔުންތައް ނުލިބޭ ކަމަށާއި ބައެއް ލިޔުންތައް ނުސާފު ކަމަށް ވެސް މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވާ ކަމަށެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ. މައްސަލައިގައި ހައްޔަރު ކުރި އެކަކު ވަނީ ދޫވެސް ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުއްޅަބެ

    އިންޑިއާ އައުޓް.
    ލާދީނީ ސަރުކކކާރު އައުޓް.

  2. ހަމީދު

    ރައީސް ނަސީދު ފުރާނަ ދުއްވާލަން ދިންހަމާލާއްވުރެ ދޫނިތަކުގެ މަރުގެ މައްސަލަ މާގޯސް ވެއްޖެ.އިންސާނުން ހަގަކާނުލާ މަރާލީމަވެސް މިހާ ކަންބޮޑެއް ނުވޭމިހާރު ކީކޭ ބުނާނީ!!!

  3. ގައުމު

    ހެކިވެރިން ދޭ ބަޔާންތަކާއި ، މައްސަލައިގައި ތަހްގީގަށް ހޯދާ ވީޑިޔޯ ފަދަ އެއެއްޗެހި ތުހުމަތު ކުރެވޭ މީހާއަށް ލިބޭގޮތަށް އޮންނަ އޮތުމާ އެބަޖެހޭ ބަދަލުވާން. ޝަރީއަތެއްގައި ހޭދަވާ މުއްދަތުގައި ހެކިންނަށް ބިރުދެއްކުމާއި ހެކިންނަާއި މަގުމަތިން ދިމާކޮށް އެބަބުނޭ ކަލޭ މިވެނި މައްސަލައެއްގައި ބަޔާން ދިނިންދޯ.. ކޯޓުގައި ހެކި ދީފިއްޔާ މި ވެނި ގޮތެއް ހަދާލާނަމޭ.. މިއީ ރާއްޖޭގެ ހާލަތު..

  4. މިތުރާ

    ކޯޓުގަ އެބަހު ރި ނުނިމި ހު ރި އެތައް އާދައިގެ ނިކަމެތިންގެ މަސްސަލަތައް، މަސްސަލަ ބަލާގާޒީ ޗުއްޓިގަ އުޅޭތީ ނުބެލިފަ، 1ގާޒީ ސުއްޓީގަ ހުޜީޔާ ކޯޓުގަ ނުހުރ ރޭ މަސްސަލަ ނިންމާދޭނެ ގާޒީ ޔެއް، ދެންބޯޑުވަ ރު 🤔🤔🤔