މާލޭގައި ސިފައިންގެ މީހަކު ރަހީނު ކުރި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ގުރޫޕަކުން ދިމާކޮށް، އޭނާ ރަހީނު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

އެ ގްރޫޕްގެ މީހުން ފަހީމަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އޭނާގެ އަތުން ފައިސާ ނުލިބޭނެ ކަން ޔަގީންވުމުން އަނިޔާ ކުރުމަށް ފަހު އައިޖީއެމްއެޗް ކައިރިއަށް ވަނީ އެއްލާލާފައެވެ.

މި މައްސަލައާއި ގުޅިގެން ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ތިން މީހަކު ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް މިވަގުތު ހައްޔަރުގައި ތިބީ އަލީ ސުނީލް އާއި އާދަމް ވިޝާން އެވެ. މި ދެމީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިމައްސަލައިގައި ދައުވާ ކޮށްފައި ދެ މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވިދާޅުވީ، ސިފައިންގެ މީހަކު މާލޭ މަގުމަތިން ރަހީނުކޮށް އަނިޔާކުރުމަށް ފަހު ޕާކެއްގެ ތެރެއަށް އެއްލައިލީ ކަމަށް ބުންޏަސް ކަން ހިނގީ އެހެން ނޫންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވެއެވެ. އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވެއެވެ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު