މިއަދު ރާއްޖެ އިން 1406 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓް ކުރީ 4781 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %29.41 މީހުން ކޮވިޑަށް ފައްސިވިއެވެ. އިއްޔެ ރާއްޖެ އިން ކޮވިޑަށް ފައްސިވީ 1096 މީހުންނެވެ. އިއްޔެ ކޮވިޑަށް ޓެސްޓް ކުރީ ވެސް 4320 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިއަދު އިތުރުވި ނަމަވެސް މިއަދު މާލެ އިން ފައްސިވި މީހުންގެ އަދަދު އިއްޔެ އަށް ވުރެ މަދެވެ. މިއަދު މާލެ އިން ފައްސިވީ 307 މީހުންނެވެ. އިއްޔެ މާލެ އިން 308 މީހުން ފައްސިވިއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 891 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން މިއަދު 69 މީހުން ފައްސިވިއެވެ. އަދި ސުންކު ނެގި ވަކިތަނެއް ނޭނގޭ 139 މީހުން މިއަދު ވެސް ފައްސިވެފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1292 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ. ނަމަވެސް އެއަށްވުރެ ގިނަ މީހުން މިއަދު ކޮވިޑަށް ފައްސިވުމުން މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 16208 އަށް އިތުރުވެފައެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު މިއަދު އިތުރުވި ނަމަވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު މިއަދު، އިއްޔެއަށްވުރެ މަދެވެ. މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 58 މީހުންނަށެވެ. އިއްޔެ 60 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.

ކޮވިޑް ޖެހިގެން މިއަދު ވެސް ރާއްޖެ އިން އެކަކު ނިޔާވިއެވެ. ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު 287 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޓޯ

    ރާއްޖެތެރެއަށް ކޮވިޑު ފަތުރާފަ އިބުރޭ ސިންގަޕޫރަށް...