ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި މިސްކިތެއް އަޅަން ނިންމައިފިއެވެ.

ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގައި އެމްޓީސީސީން ފެށި މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި 397.27 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކުޑަގިރީގައި އިމާރާތްކުރާ 150 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އިއްޔެ އަޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

މި މިސްކިތް އެޅުމަށް ހަމަޖެހިފައި ވަނީ ފެނަކައިގެ އެހީގައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް އަންނަ މަހު ނިންމޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.

އެގޮތުން 3.3 ހެކްޓަރުގެ އެ ބިމުގައި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާދޭ ކޮޓަރިއެއް ހެދުމަށް ވެސް އޭރު ސަރުކާރުން ރާވާފައިވެއެވެ. އެކަމަކު، ސަރުކާރުން ފަހުން ވަނީ އެ ވިސްނުން ބަދަލުކޮށްފައެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މީގެ ކުރިން ކަނޑައަޅާފައި އޮތް ރަށަކީ ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށް ޓޫރިސްޓް ރިސޯޓެއްގައި ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް މިހާތަނަށް އައިއިރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 2023ޔާން

    2023ޔާން

    2
    1
  2. އަލީ

    ތިއީ ރަނގަޅު ކަމެއް

  3. 100 ދުވަސް

    100 ދުވަސް

    2
    1
  4. ދުމައިން

    މިސްކިތެއް އެޅުމީ ނުހަނު ރަނގަޅު، ބޭނުންތެރި މާތް މަގުސަދެއްގައި ކުރެވޭ ސަދަގާތެއް. ފެނަކައިން އެތައްސަތޭކަ ސަޕްލަޔަރުންނާ ކޮންޓްރެކްޓަރުންނަށާ ދޭންޖެހޭފައިސާ ނުދީ 2 އަހަރު ވަނީ. ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަނުދެވި އެމުވައްޒަފުން އަނބިދަރިންނަށް ކާން ނުދެވި، ކުލި ނުދެއްކި އުޅެން ޖެހިފައިވަނީ. ގައިމު އެމީހުން ފެނަކައިގެ ވެރިންނަށް ހިތެއް ހެވެއް ނުވާނެ. އެ ފައިސާ ނުދިނުމުގެސަބަބުން ދަތިވެ ތަކުލީފުއުފުލާ މީހުންގެ އަދަދު ހާހުން ގުނޭނެ. ހާދަހަވާ ހިތްހަރު ޖައްބާރު އަގަލެއް ކުލުނެއް އިންސާނިއްޔަތުކަމެއްނެތް ދެއްކުންތެރި ވެރިންތަކެއް ތިބި ތަނެކޭ. ތި އެންމެމަސައްކަތްތަކަކީ ހަމަ ދެއްކުންތެރިކަން. ސިޔާސީބޭނުންތަކެއްގަ ތިކަން ކަން ކުރަނީ ހާހުން ހަހުން ގުނޭ އިންސާނުންތަކެއްގެ ހައްގު އުޖޫރަ ހިފަހައްޓައިގެންތިބެ.

    4
    1