ކޮވިޑް-19 އިން ދުނިޔެ ސަލާމަތް ކުރަން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ވުމާއި ނުވުން ބިނާ ވެފައި ވަނީ އެފްރިކާ ބައްރުގައި ކޮވިޑް ވެކްސިން ދެވޭ ނިސްބަތަކަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް ވިދާޅުވެއްޖެއެވެ.

މިހާރު އެފްރިކާ ބައްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓެޑްރޯސް ވިދާޅުވީ މިއަހަރުގެ މެދާއި ހަމައަށް ދާއިރު ކޮވިޑްގެ އެކިއުޓް ފޭސް އާއި ކުރިމަތި ވާނެ ކަމަށެވެ. ނަމަވެސް އެހާލަތު ގެނެވެން އޮތީ އެފްރިކާ ބައްރު ވެސް ހިމެނިގެން ދުނިޔޭގެ އާބާދީގެ %70 އަށް ވެކްސިން ދެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދެވުނު އެފްރިކާގެ އާބާދީ އަދި އަރަނީ އެންމެ %11 އަށެވެ. ކޮވިޑް ވެކްސިން އެފްރިކާގެ %70 އަށް މިއަހަރު ދެބައި ވާއިރަށް ދެވޭނީ މިހާރު ވެކްސިން ދެމުން އަންނަ ސްޕީޑް ހަގުނަ އިތުރު ކޮށްގެންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ވެކްސިންގެ ސަޕްލައި އެވަރަށް އެފްރިކާ ބައްރަށް އިތުރު ކުރެވޭނެ ގޮތެއް އަދި ފެންނާކަށް ނެތެވެ.

ފަގީރު ގައުމުތަކަށް އަވަހަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިން ޕްރޮގްރާމެއް އެކުލަވާލާފައި ވީނަމަވެސް އެޕްރޮގްރާމްގެ އެންމެ ރަނގަޅު ނަތީޖާއެއް ނުފެނެއެވެ. ވެކްސިން ހޯދުމަށް ޑަބްލިއުއެޗްއޯ އިން ވެސް ބަރޯސާ ވާން ޖެހިފައި ވަނީ ވެކްސިން އުފައްދާ މުއްސަނދި ގައުމުތަކަށެވެ. ކޮންމެ ގައުމަކުން ވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ އެގައުމެއްގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ކުރިއަށް އޮތްތާ ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓެޑްރޯސް އެފްރިކާ ބައްރަށް ދަތުރު ކުރައްވަމުން ގެންދަވާއިރު ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ ފެއިލް ވެއްޖެކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްލިމް

    އެބުނާ ހެން... އަވަހަށް ވެކްސިން ފޯރުކޮށްދޭނެ ގޮތެއް ހޯދަން ޖެހޭ އެފްރިކާގެ ރައްޔިތުން ނައް 🤧😷