ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރަސްމީކޮށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފިއެވެ.

މަޑިވަރު އެއާޕޯޓުގެ ދަތުރުތައް އިފްތިތާހު ކޮށްދެއްވުމަށް ރައީސް ސޯލިހް މިއަދު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި މަޑިވަރަށް ވަޑައިގެންފައެވެ. އެމަނިކުފާނު މަޑިވަރަށް ވަޑައިގަތުމުން މަރުހަބާ ދެންނަވާފައިވަނީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ އިސްވެރިންނާއި ކުރެއްދޫ ހޯލްޑިންގްސްގެ ވެރިންނާ މަޑިވަރު އެއާޕޯޓްގެ އިސްވެރިންނެވެ.

އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެއާޕޯޓުގެ ފުރަތަމަ ބޯޑިން ފާސް ރައީސް އާއި ހަވާލުކޮށްދެއްވާފައިވަނީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު އެވެ.

މީގެ އިތުރުން ކުރެއްދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މޫސާ (އުއްޗު) ވަނީ ރައީސް އަށް ހަނދާނީ ފިލައެއް ވެސް ހަދިޔާ ކުރައްވާފައެވެ.

މަޑިވަރު އެއާޕޯޓަކީ ޖުމުލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ.

ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. މަޑިވަރުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.

ކުރެއްދޫ ހޯލްޑިންސްއާ އެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވެސް ކުރި ކުންފުންޏެކެވެ.

މިއީ ޅ. އަތޮޅުގައި ގާއިމު ކުރި ފުރަތަމަ އަދި މި ވެރިކަމުގައި އެޅި ދެ ވަނަ އެއާޕޯޓެވެ. އެހެންނަމަވެސް މި އެއާޕޯޓަކީ ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށް ކުރެއްދޫ ހޯލްޑިންގސް ގެ ފަރާތުން ގާއިމްކޮށްފައިވާ އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސޭވްމަޑިވަރު

    ޝުކުރިއްޔާ ރައީސް ޔާމީން

    27
  2. ހުސޭނުބޭ

    ރަގަޅު ގޮތަކީ ރިބަންފަށް ކަނޑާފި. ތި އަތޮޅަކު ނެތް ހިންނަވަރު އުބަށޭމު ކޮށްދިން އެއްކަމެއްވެސް!

    25
  3. ޜ

    ރައީސް ޔާމިން ފެއްޓެވި މަސްރޫއެއްގެ ފޮނިކޮޅު ބޯލީ ދޯ

    31
  4. މާޟީ

    ބަލަގަ ތީ މަޑިވަރުގަ އެއާރޕޯޓު އެޅިއަ ނުދޭން މަޑިވަރު ށޭވު ޓީޝާޓު ލައިގެން ގޮސް ހުރިމީހާ އެއާޕޯރޓު ހުޅުވާށޭ ކިއާފަ ދިއާމަ ލަދުގަނޭ..

  5. ރަން ރީނދޫ

    ސޭވް މަޑިވަރު ކުދިން ކޮބާ.ނަސީބެއްނު،ރީނދޫ ބައިގަނޑާ ދެކޮޅަށް ،ޔާމީނު މި ޕްރޮޖެކްޓް ރޭވި ކަން. މިހާރު ރީނދޫ ބައގަނޑަށް ވަޒީފާ ދީ، ހިންނަވަރު ކުޑަ މޯދީ ފޮޓޯ ނަގާނެ ކަމެއްވެސް މަތިވެއްޖެ ތާ.

  6. އައުޓް

    ކުރެއްދޫ ހޯލްޑިންސްއާ އެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. ރައީސް ޔާމީނުގެ ދައުރުނިމުނީ 17 ނޮވެމްބަރު 2018 ގައެވެ. އެހެންވީމާ ލިޔުންތެރިޔާގެ މިކުށް އިސްލާހުކުރާށެވެ. މިއީ ޅ. އަތޮޅުގައި ކުރީގެ ސަރުކާރުން ގާއިމު ކުރި ފުރަތަމަ އެއާޕޯޓެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ތަރައްގީ ކުރަން ފެށި އެއާޕޯޓެކެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

  7. އަހްމަދު

    މިވެސް ރައީސް ޔާމީންގެ ޕްރޮޖެކްޓެއްދޯ މިސަރުކާރުން ވަޢުދުވި އެއަރޕޯޓުތައް ކޮބައިތަ؟

  8. ހައްލަކީ އުމަރު

    ކަލޯ ފެންނަ ކޮންމެ ތަނެއް އިންޓަރނޭޝަނަލް ކުރަމުން ދާ އިރު ރާއްޖޭގެ މައިދޮރާށި ބަލަހައްޓާ އިންޓަރނޭޝަނަލް އެއަޕޯޓްގައި ވެސް ކަސްޓަމްސް ގެ ސުކޭން މެޝިން ގަޑެއް ނުލބިގެން އެބައުޅޭ. ދެން ތި ކިޔަނީ މަސްތުވާތަކެތި އަތުލާނަމޭ.އިޚުލާސްތެރިކަން ނެތީމަ ސުކޭން ކުރެވޭނެ ގޮތްވެސް ނެތީ ކަސްޓަމްސްގައި.