ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމް ނުވަތަ އިޖުތިމާއީ މިންގަނޑުގެ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސް ކުއްޔަށް ދޫކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލެއް ނެރެފިއެވެ.

މި ގަވާއިދަކީ ދާދި ފަހަކުން ތަސްދީގު ކުރި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އާންމު ކުރި ގަވާއިދެކެވެ.

ގަވާއިދުގައިވާ ގޮތުން، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކާއި ރޯހައުސްތައް ކުއްޔަށް ދެވޭނީ އެ މަޝްރޫއެއް ހިންގި އިދާރާގެ ހުއްދަ ހޯދައިގެނެވެ.

އެހެންވިޔަސް، އެއިން އެއްވެސް ތަނެއް އެއްކޮށް ކުއްޔަށް ނުދެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. ގަވާއިދުގެ ދަށުން ދޫކުރެވޭ ހުއްދައެއް ބޭނުންކޮށް މުޅި ތަން ކުއްޔަށް ދީފިނަމަ ހުއްދަ ބާތިލްވާނެ ކަމަށް ވެސް އޭގައިވެއެވެ.

އުސޫލުގައިވާ ގޮތުން، ފްލެޓްތަކާއި ރޯހައުސްތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކުރެވެނީ ގިނަ ވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ނަމަވެސް ފްލެޓް ދޫކުރި މީހާގެ ނަމަށް އެ ތަނުގެ މިލްމުވެރިކަން ރަޖިސްޓްރީ ކުރުމަށް ފަހު، ކުއްޔަށް ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އުސޫލުގައިވެއެވެ.

އިޖުތިމާއީ މިންގަނޑުގެ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރެވޭ ފްލެޓް ދޫކުރި ފަރާތުގެ މިލްމުވެރި ކަމަށް ބަދަލުވަނީ އެ ފްލެޓަކަށް ސަރުކާރުން ކަނޑައެޅި އަގު މަހުން މަހަށް ދައްކަމުން އެ އަގު ހަމަވާ ތާރީޚުން ފެށިގެނެވެ.

މިފަދަ ތަންތަން ކުއްޔަށް ދޫކުރުމާއި ބެހޭ އުސޫލެއް އެކުލާވާލާފައި މި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިމުގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތައް ދޫކުރި ފަހުން ކުއްޔަށް ދޭން ބައެއް މީހުން އިއުލާން ކޮށްފައިވަނިކޮށެވެ.

އާދައިގެ ނިކަމެތި ރައްޔިތުންނަށް ދޫކުރާ މިފަދަ ތަންތަން ކުއްޔަށް ދޭއިރު ތަނުގެ ފެންވަރު ވެސް ރަނގަޅުކޮށްފައި އިއުލާން ކުރާތީ ފްލެޓް ދިން އުސޫލާއި ގުޅޭ ގޮތުން ސުވާލު އުފެއްދުމުގެ ޖާގަ ވެސް ލިބިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    މަސާޖް ޕާލާ ތައް އަންނަނީ އެވެ. ގޭގަ ހުރެގެން 5 ހިނގާލާފަ ދިއުމުން މަސާޖް ކުރެވޭ ގޮތަށެވެ.

  2. ގަމަރު

    ސާބަހޭ އިބޫ! ފުލެޓުގެ ހައްގުވެރިންނައް ފުލެޓުނުދީ ތީތޯ ކުރަން އެގުނު ކަމަކީ، އެޗްޑީސީ އާއި ހަވާލުވެ ހުރި ބޮޑު ގުންޑާ ކަލޭގެ ބުނިހާކަމެއް ކޮށްކޮށް ތިހުންނަވަނީ، ޔާ ގުންޑާ ހޫރާލާފަ ހުރި ބޮޑު ކޮރޮޕްޓެޑު މީހާގަޑެކާ ހަވާލުކޯށް، ހުޅުމާލޭގަ ހުރީހާ ހުރިހާ ބިމެއް ކޮންސްޓަރެކްޝަން ކުންފުނިތަކަށް މިކަލޭގެ މިވިއްކަނީ، ބޮޑު ބައެއް ޖީބައްލައިގެން، ރަތްޔަތުން ހޭލަބަލަ،