މަކަރާއި ހީލަތުން އޮޅުވާލައިގެން ފަތުރުވެރިންތަކެއްގެ އަތުން އަތުލި ފައިސާ ފުލުހުން ހޯދައި، އެ ފައިސާގެ ވެރިފަރާތައި ހަވާލުކޮށްފިއެވެ.

އދ. ދަނގެތީގައި ތިބި ފަތުރުވެރިންތަކެއް ސާފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާ އަތުލުމަށް ފަހު އެ ކަން ނުކޮށްދިން މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވެއެވެ.

އެ ފައިސާ ހޯދަން ދަނގެތީ ޕޮލިސް ސްޓޭޝަނަކާއި، ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ދިޔަ އޮޕަރޭޝަނުގައި އިއްޔެ ފައިސާ ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ

އެ ފައިސާ ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސް ދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފަކޮށްފައި ވަނިކޮށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި 1،050 ޔޫއެސް ޑޮލަރު ޓްރާންސްފާ ކޮށްފައިވެއެވެ. އަދި އެ ފައިސާ ހޯދައި ފަތުރުވެރިންނާއި ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެެއެވެ. މި މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.