މާލެ އިން ރަށްރަށަށް ދަތުރުކުރާއިރު ކޮވިޑް-19 ގެ ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރޭތީ މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެޅި ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާލޭގައި މީހުން އެއްވެ އުޅުމާއި ހަފްލާތަކާއި އިވެންޓުތައް ބޭއްވުމަށް އޮތް ލިމިޓް އުވާލުމެވެ. އެކަމަކު، މިފަދަ ހަރަކާތްތައް ބާއްވަން ވާނީ އެޗްޕީއޭ އިން އާންމުކޮށްފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން އުވާލުމެވެ. އެކަމަކު، ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި އެޗްޕީއޭ އިން އާންމުކޮށްފައިވާ ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކުރުމަށް އެދިފައިވެއެވެ.

ފަހު ކަމެއްގެ ގޮތުގައި އޮތީ މާާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލުމެވެ.

ރަށްރަށަށް ފުރުމުގެ ކުރިން ކޮވިޑް ޓެސްޓް ހެދުން އެޗްޕީއޭ އިން މިހާތަނަށް ލާޒިމު ކޮށްފައި އޮތަސް، އެ ޓެސްޓް ހެދުމަށް ބައެއް މީހުން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެއީ ޓެސްޓް ނުހަދާ ވެސް ބައެއް ރަށްރަށަށް އެރުމުގެ ފުރުސަތު ފަހިވެފައި އޮތުމުންނެވެ. އެ ކަމަށް ރަށްރަށުގެ ކައުންސިލްތަކުން ވެސް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. އެހެންވެ، މިވީހާ ދުވަހު ވެސް އެއީ ނަމަކަށް ކޮށްފައި އޮންނަ ކަމަކަށް ވަނީ ވެފައެވެ.

މާލެ އިން ރަށްރަށަށް ދަތުރުކުރާއިރު، ޕީސީއާރު ހެއްދުން މަޖުބޫރު ކޮށްފައި އޮތް އޮތުން އުވާލީ ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފެށުމުންނެވެ. މިދިޔަ މަހު ދުވާލަކު 2،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ބަލި ޖެހުނު ނަމަވެސް މި މަސް ފެށުނު ފަހުން އަދަދު ވަނީ ދަށްވާން ފަށައިފައެވެ.

އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 1،000 އިން ތިރީގައެވެ.

ރާއްޖެ އިން މިހާތަނަށް 165،073 މީހުން ކޮވިޑް ޖެހުނު އިރު، މި ބަލި ޖެހިގެން 293 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލި ޖެހުނު 149،734 މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ރައްޔިތުން ތެޅެތެޅެ ހަންވީމާ ދެންތަ ތިހެން ހަދާނީ!

    10
  2. އަހުމަދު

    ތިވީގޮތުން ޑރ ލައްޗޭއަށް ވަރަށް ގެއްލުންވާނެ.

    10
  3. ކޮކި

    "އެއީ ނަމަކަށް ކޮށްފައި އޮންނަ ކަމަކަށް ވަނީ ވެފައެވެ." ހެހެ ސަޅި.

  4. ލި

    ބަނޑު ފުރުނީ ތޯ؟

    11
    • ގަޓު ގަޓު

      އެމީހުން ބޮޑު ޖަލްސާއެއް ބާއްވަނީ

  5. އަހުމަދު

    އާނ ، މުގައްދަސް މާލެތާ.

    5
    1
  6. ޖަހަގަ

    ރަނގަޅު. ތި ބަލާވެރިކަން ދެން އިތުރައް ނުޖެއްސިއްޔާ އަހަރެމެން މަޑުން ތިބެދާނަން

  7. ޙ

    ކޮވިޑް ފުރީ މާލެ