00:40

ރަޝިއާ އިން ހުޅަނގާއި ފައިސާގެ މުއާމަލާތް ކުރުން ހުއްޓުވައިފި.

00:35

ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ނުދީ ބައިޑެންގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.

00:34

ބައިޑެން: ރަޝިއާ އިން ކުރިއަށް އޮތްތަނުގައި އަމަލު ކުރާ ގޮތަކަށް ރައްދު ދޭނީ އަޅުގަނޑުމެންގެ ބައިވެރިންނާއިއެކު ގުޅިގެން.

00:30

ބައިޑެން: ރަޝިއާ އާއިދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ ރަޝިއާގެ އިގްތިސޯދަށް ދަތިކުރަން. އެފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ އަށް ގެއްލުމެއް ނުލިބޭނެ. އެމެރިކާ އަށް ގޭސް ސަޕްލައި ކުރުމަށް ހުރަސްތަކެއް ކުރިމައްޗަށް ނުވާނެ.

00:29

ބައިޑެން: ރަޝިއާގެ ސިފައިން އެހެން ގައުމުތަކަށް ފޮނުވަން ނިންމި ނިންމުމަކީ ކުރިއަށް އޮތްތަނުގައި އަސްކަރީ ބާރުގެ ބޭނުން ކުރާނެކަން ދޭހަކޮށްދޭ ކަމެއް.

00:27

ބައިޑެން: އެމެރިކާ އިން ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނަން. ޔޫރަޕްގައި މިހާރު ވެސް އެމެރިކާ ސިފައިން ގާއިމުވެގެން އެބަތިބި. އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދޭނީ ދިފާއު ވުމަށް. މިއީ ހަނގުރާމައެއް ފެށުމަށް ފޯރުކޮށްދޭ އެހީތެރިކަމެއް ނޫން.

00:24

ބައިޑެން: ޕޫޓިންގެ ނިންމުމަކީ ރަޝިއާ އިން ޔޫކްރޭނަށް ވެރިވެގަތުމަށް އެރި ފިޔަވަޅެއް. މިކަމަށް ރައްދު ދިނުމަށް އަޅުގަނޑު ނިންމައިފިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން.

00:23

ބައިޑެންގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

00:01

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނޫސްވެރިންނާއި ބައްދަލުކޮށް ޔޫކްރޭންގެ މައްސަލަ އާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާނެ. ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި.

23:45

ހަބަހަކުން ވާހަކަދައްކައިގެން ޔޫކްރޭންގެ ހާލަތު ގެނެސްދީ، އެންމެން ހައިރާން ކޮށްލައިފި.

23:08

ޔޫކްރޭންގައި ތިބި ރަޝިއާގެ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ރަޝިއާ އިން ފަށައިފި. ރަޝިއާ އިން ވަނީ ޔޫކްރޭންގައި ހުންނަ އެގައުމުގެ އެމްބަސީ ވެސް ބަންދު ކުރަން މިހާރު ނިންމާފައި.

23:05

ރަޝިއާގެ 27 ތަނަކަށާއި ބައެއް ބޭންކްތަކަށް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި. އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ތަންތަނުގެ ތެރޭގައި ރަޝިއާގެ ބައެއް ހަތިޔާރު އުފައްދާ ކުންފުނިތައް ވެސް ހިމެނޭ. އަދި ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ހުރިހާ މެންބަރުންނަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ ނިންމާފައި. ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އީޔޫގެ ގައުމުތަކަށް ދަތުރު ކުރުން މަނާކޮށް އެމީހުންގެ މުދަލާއި ފައިސާ ވަނީ ފްރީޒް ކޮށްފައި.

22:55

ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ގައުމުތައް އިއްތިފާގުވެއްޖެ.

21:54

ޔޫކްރޭނަށް ސިފައިން ފޮނުވާނެކަން ޕޫޓިން އިއުލާންކޮށްފި.

21:20

ގައުމުން ބޭރަށް ސިފައިން ފޮނުވުމުގެ ހުއްދަ ރަޝިއާގެ މަޖިލީހުން ދީފި.

19:47

ރަޝިއާއަށް ތާއިދު ކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ޑޮނެޓްސްކްގައި ބާރު ގަދަ ގޮވުމެއް ގޮވައިފި.

19:03

ހަންގޭރީން އެގައުމާއި ޔޫކްރޭން ގުޅުނު ސަރަހައްދީ ރަނގަށް ސިފައިން ފޮނުވަން ނިންމައިފި.

17:47

ރަޝިއާގެ ފަސް ބޭންކަކަށް އިނގިރޭސި ވިލާތުން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި.

17:38

17:33

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ގާނޫނު ހަދާ މަޖިލިހުގައި ވާހަކަ ދައްކަވަން ފަށައިފި.

17:19

ޔޫކްރެއިންގައި ތިބި އިނގިރޭސި ވިލާތުގެ ރައްޔިތުން ވީހާވެސް އަވަހަށް ޔޫކްރެއިނުން ފައިބަން އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުން ގޮވާލައިފި.

ފޮރިން ސެކްރެޓަރީ ލިޒް ޓްރޫސް ވިދާޅުވީ ޔޫކްރެއިންގައި ތިބި އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމަކީ އިނގިރޭސި ވިލާތުން އެންމެ އިސްކަމެއް މިހާރު ދޭ ކަންތައް ކަމަށް. އަދި ކޮމާޝަލް ފްލައިޓުތައް މެދުވެރިކޮށް އިނގިރޭސި ވިލާތުގެ ރައްޔިތުން ޔޫކްރެއިނުން ފައިބަން ޖެހޭ ކަމަށް ވިދާޅުވި.

17:00

ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ހާއިރު ރަޝިއާއާ ދެކޮޅަށް އިނގިރޭސި ވިލާތުން އަޅާނެ ފިޔަވަޅުތައް އިއުލާން ކުރުމަށް ހަމަޖެހިއްޖެ.

16:34

ޔޫކްރެއިންގެ އިތުރު ސަރަހައްދުތަކެއް ރަޝިއާގެ ބާރުގެ ދަށަށް ގެންދިއުމަށް ނިންމައިފި.

16:33

ޖަރުމަނުން ރަޝިއާގެ "ނޯޑް ސްޓްރީމް 2" އަށް ހުއްދަ ނުދިނުމަށް ނިންމައިފި.

15:50

ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް އިހްތިރާމްކުރުމަށް އެމްނެސްޓީއިން ގޮވާލައިފި.

15:46

ޑޮނޭޓްސްކް އާއި ލުގާންސްކްގައި އޮތް ވަކިވެފައިވާ ޖުމްހޫރިއްޔަތަކުން މޮސްކޯއާއެކު ރަހުމަތްތެރިކަމުގެ އަދި އެހީގެ މުއާހަދާއެއް ތަސްދީގުކޮށް މިއަދު ސޮއިކޮށްފި.

12:51

ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ.

11:10

ޔޫކްރޭންގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ބަންދުކޮށް ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެންދަން އޮސްޓްރޭލިއާ އިން ނިންމައިފި. މިނިންމުން ނިންމީ ޔޫކްރޭންގެ ހާލަތު ގޯސްވެ، އޮސްޓްރޭލިއާގެ ރައްޔިތުންނަށް ނުރައްކަލަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމުން.

10:01

ރަޝިއާގެ ނިންމުމަކީ "މުޅި އދ.އަށް ދިން ހަމަލާއެއް" ކަމަށް ޔޫކްރޭނުން އދ.އަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެ.

09:09

ޑޮނެސްކް ކައިރިއަށް ރަޝިއާ ސިފައިން ޖަމާވާން ފަށައިފި.

ޔޫކްރޭނުންވަކިވެ "މިނިވަން" ދައުލަތްތަކެއްގެ ގޮތުގައި އިއުލާންކޮށްފައި އޮތް ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކް އަށް ރަޝިއާގެ ސުލްހަ ބަލަހައްޓާ ސިފައިން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ނިންމާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާ އާއި ހުޅަނގުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާ އިން މިނިވަން ދެދައުލަތް ކަމުގައި ރޭ ބަލައިގަތް ޑޮނެސްކް އާއި ލުހަންސްކް އަށް ރަޝިއާ ސިފައިން މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ދާނެ ކަމަށް ބެލެވެއެވެ. މިއީ ޔޫކްރޭނަށް ރަޝިއާ ސިފައިން އަރައިގަތުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ހުޅަނގުން ބުނެއެވެ.

ރަޝިއާ އިން ޔޫކްރޭންގެ ދެސަރަހައްދެއް މިނިވަން ދެދައުލަތް ގޮތުގައި ބަލައިގަތް މައްސަލަ ހޫނުވެ، ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް މިހާރު ވެސް ބުނެފައެވެ.

ޔޫކްރޭނުން ބުނެފައި ވަނީ އެގައުމުގެ އެއްވެސް ސަރަހައްދެއް އެއްވެސް ބަޔަކަށް ދޫކޮށްނުލާނެ ކަމަށެވެ. އެއްވެސް ކަމަކާއި ބިރުގަނެ ޖެހިލުން ނުވާކަމަށް ވެސް ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. "އެހެން ބައެއްގެ އެއްވެސް އެއްޗެއް އަޅުގަނޑުމެން އަތަކު ނެތް. އަޅުގަނޑުމެންގެ އެއްވެސް ސަރަހައްދެއް ވެސް އަދި އެއްވެސް އެއްޗެއް ވެސް އެހެން ބައެއްގެ އަތްމައްޗަށް ދުލެއް ނުކުރާނަން." ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާ އިން ޔޫކްރޭންގެ ސަރަހައްދެއް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެބައްދަލުވުމުގައި ވެސް ހުޅަނގުގެ ގައުމުތަކާއި އެމެރިކާ އިން ވަނީ ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޗައިނާ އިން ބުނީ މައްސަލަ ހައްލު ކުރެވޭނީ މަޝްވަރާ ކޮށްގެން ކަމަށާއި އެހެންކަމުން ޑިޕްލޮމެޓިކް ހައްލެއް ގެނައުމަށް މަޝްވަރާއަށް ގޮވާލައްވާ ކަމަށެވެ.

ޔޫކްރޭނާއި ރަޝިއާގެ މަސްރަހާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންޑިއާ

    އަވަށްޓެރިންގެ ނުރައްކާ. އޭ މަގޭ ދިވެހިރާއްޖެ! ވިސްނާ ފިކުރުކުރެވޭނެތަ؟