ރަޝިއާ ބިލިއަނަރުންގެ ޔޮޓްތައް ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން ރާއްޖެއަށް ދަތުރު ކުރަމުން އަންނަ ކަމަށް "މެރިން ޓްރެފިކް" ވެބްސައިޓްތަކުން ލިބެން ހުރި މައުލޫމާތުތަކަށް ބިނާކޮށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.

އެމެރިކާގެ ސީއެންބީސީ އިން ބުނާ ގޮތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ގާތް ގުޅުން އޮންނަ ބިލިއަނަރުން ގެންދަނީ އެމީހުންގެ އަގުބޮޑު ޔޮޓްތައް މިހާރު ރާއްޖެ އަށާއި މޮންޓެނީގްރޯ އަށް ފޮނުވަމުން ކަމަށެވެ. އެއީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފިޔަވަޅުތަކެއްގެ ސަބަބުން ޔޮޓްތައް ހިފަހައްޓަފާނެތީ ބިލިއަނަރުން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

ސީއެންބީސީ އިން ބުނާ ގޮތުގައި ރާއްޖެ އަށް ބިލިއަނަރުންގެ ޔޮޓްތައް އަންނަ ސަބަބަކީ ބިލިއަނަރުންގެ މުދާ ހިފަހައްޓަން އެމެރިކާ އިން ނިންމި ނަމަވެސް ރާއްޖެ އާއި އެމެރިކާ އިން މުދާ ހިފެހެއްޓުމާއި ގުޅޭ ގޮތުން އެއްބަސްވުމެއް ނެތުމެވެ. އެހެންކަމުން ބިލިއަނަރުންގެ މުދާ ހިފަހައްޓަން އެމެރިކާ އިން ނިންމި ނަމަވެސް ރާއްޖޭގައި ހުރި ރަޝިއާ ބިލިއަނަރުންގެ މުދާތައް ހިފެހެއްޓޭނެ ގާނޫނީ ހައިސިއްޔަތެއް ރާއްޖެއަކަށް ނޯންނާނެއެވެ.

ބެލެވޭ ގޮތުގައި މިހަފްތާ ނިމުމުގެ ކުރިން ރަޝިއާގެ ބައެއް ބިލިއަނަރުންގެ މުދާތައް ހިފަހައްޓަން އެމެރިކާ އިން ނިންމާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަދުވެގެން ރަޝިއާގެ ތިން ބިލިއަނަރެއްގެ ޔޮޓް މިހަފްތާގައި ރާއްޖޭގައި ބަނދަރު ކުރާނެއެވެ. އޭގެތެރޭގައި ރަޝިއާގެ ބިލިއަނަރު އޮލެގް ޑެެލިބަސްގާގެ ޔޮޓް ވެސް ހިމެނެއެވެ. އެޔޮޓް ވަނީ މީގެ ދެހަފްތާ ކުރިން ސްރީލަންކާ އިން ފުރާފައެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެޔޮޓް ރާއްޖޭގައި ބަނދަރު ކުރާނެއެވެ. އޮލެގްގެ ކުންފުނިތަކަށް 2018 ވަނަ އަހަރުން ފެށިގެން އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ރަޝިއާ ބިލިއަނަރުންގެ ޔޮޓްތައް ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން ރާއްޖެއަށް ދަތުރު ކުރަމުން ދާއިރު ޔޫކްރޭނާއި ދެކޮޅަށް ރަޝިއާ އިން ފެށި ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުން ރާއްޖެ އަށް އަންނަ ފަތުރުވެރިން އައުން ވަނީ އެއްކޮށް ހުއްޓިފައެވެ. އަދި ރަޝިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުއްތުނާ

    ޔުކްރޭންހަނގުރާމައިގެއަސަރުމިވަނީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށްވެސްކޮށްފަ..

    5
    3
  2. ޢަދުރޭ

    ރަޝިއާގެ މުދަލާ ރައްޔިތުން އެމެރިކާ އަށްޓަކައި ހިފަހައްޓަން އުޅޭ ބަޔަކު މި ރާއްޖޭގައި އުޅެންޏާ އެއީ އިޒްރޭލުން ސީރިޔާއާ ފަލަސްތީނުގައި ހިންގާ ޖަރީމާތަކަށް ތާއީދު ކުރާ ބަޔަކަށް ނޫނީ ނުވާނެ . ރާއްޖޭގެ ޓުއަރިޒްމް މިޕެންޑަމިކްގެ ތެރޭގައި އިނދަ ނުޖެހުނީ ރަޝިޔާ އާ ހެދި . އެމެރިކާ ކޮށްދިނީ ކޮންކަމެއް ؟

    18
    1