ދެހާސްފަނަރަވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ، ހ. ހަންޑްރެންޑް ފްލާވާސް، ޖައިލަމް އަހްމަދު ޝާކިރު މަރާލާފައިވާ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި، އަންނަ ހަފުތާ ހުކުމް ކުރަން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމަވައިފިއެވެ.

މިދިޔަ މަހުގެ ދެވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވެއެވެ. ގާނޫނުގައިވާ ގޮތުގެ ޚުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވަން ޖެހެއެވެ. އެ މުއްދަތު މިއަދަށް ހަމަވާތީ މިއަދުގެ އަޑުއެހުމުގައި ހުކުމް އިއްވާނެ ކަމަށް ފުރަތަމަ ބެލެވުނެވެ.

ނަމަވެސް މިއަދުގެ އަޑުއެހުން ބޭއްވީ ސާފު ނުވެ އޮތް ކަމެއް ސާފުކޮށްލުމަށެވެ. މި ގޮތުން މައްސަލާގައި ހިމެނޭ އިސްމާއީލް އަނީގާއި ގުޅުން ހުރި ކަމެއް ގާޒީ ދައުލަތުގެ ފަރާތުން ސާފު ކުރިއެވެ. އެއަށް ފަހު ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންގެ ތާވަލު ބެލުމަށް ފަހު، ހުކުމް ކުރާނެ ދުވަހެއް ނިންމެވިއެވެ.

ގާޒީ ވިދާޅުވި ގޮތުގައި ހުކުމް އިއްވުމުގެ އަޑުއެހުން ބާއްވާ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގައެވެ. އެ އަޑުއެހުން ބާއްވާނީ އެ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރު ކަމަށް ގާޒީ ވިދާޅުވިއެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ ވ. ސިނަމާލެ، 4 އިސްމާއިލް އަނީގު، ސ. ފޭދޫ، ވީނަސްވިލާ، ނަސީބު ސައީދު، ޏ. ފުވައްމުލައް، ޖަމްނާ، އަލީ އިރުފާން އާއި ގއ. ވިލިނގިލި، ފިޔަޖަހާގޭ، މުހައްމަދު ހުމައިދުގެ މައްޗަށެވެ.

މި މައްސަލަ އެންމެ ފުރަތަމަ ދިގުލައިގެން ދިޔަ ކަމަކީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިން ހާޒިރު ނުކުރެވިގެންނެވެ. ފަހުން ދައުލަތުން ވެސް ނިންމެވީ އެ ހެކިން ހާޒިރުނުކޮށް، މިހާރު ހާޒިރުކުރެވި ހެކި ބަސް ނެގިފައިވާ ހެކިންގެ ހެކި ބަހުންނާއި ކިތާބީ ހެކިތަކުން މައްސަލަ އައިގެން ކުރިއަށް ގެންދިއުމަށެވެ.

މި މައްސަލަ ނުނިމި ހަތް އަހަރަށް ވުރެ ގިނަ ދުވަސްވީރު، ހުމައިދު ފިޔަވައި ބާކީ ތިބި މީހުން ޝަރުތުތަކާއެކު ސެޕްޓެމްބަރު 2018 ގައި ދޫކޮށްލާފައި ވެސް ވެއެވެ. އެކަމަކު މާލެ ތެރޭގައި މާރާމާރީ ހިންގަން ރާވާ ކަމުގެ މައުލޫމާތު ލިބި، އަނެއްކާ ވެސް އެ މީހުން ބަންދު ކުރިއެވެ. އޭގެ ފަހުން އަދިވެސް ދައުވާ ކޮށްފައިވާ އެންމެން ތިބީ ބަންދުގައެވެ.

ދައުލަތުން އުފުލާފައިވާ ދައުވާގައި ވަނީ، ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ޖައިލަމް ކައިރިއަށް ދިޔަ ހަމީދު ކަމަށެވެ. އޭނާ ތޫނު އެއްޗަކުން ޖައިލަމަށް ހަމަލާ ދިންއިރު، އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާ ދިން ކަމުގައެވެ. ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާ ދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެ މީހުން ފިލުވުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ.