ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވެ ނިޔާވި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާންގެ ދައުރު ނިމެންދެން އޭނާގެ އުޖޫރަ އާއިލާއަށް ދޭން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ހުށަހެޅުއްވީ އިމާނަށް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކޮންމެ މަހަކު ލިބޭ 5،000 ރުފިޔާގެ އުޖޫރަ އޭނާގެ ދައުރު ނިމެންދެން އޭނާގެ އާއިލާއަށް ދިނުމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން އެ ކަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވަން ފާސްކުރިއެވެ. އެ ގޮތަށް އުޖޫރަ ދެވޭނީ މި ދެ އިދާރާގެ ހުއްދަ ސިޓީ ކައުންސިލަށް ލިބިގެނެވެ.

އީމާން އެކްސިޑެންޓުވީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ކުރެދިމާ ހިނގުމުން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ބަމްޕަރެއްގެ މައްޗަށް އެރި ވަގުތު ކަހާލައިގެންނެވެ.

އީމަނަށް ފުރަތަމަ ފަރުވާ ދެމުން ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު މާ ބޮޑަށް ގޯސްވާން ފެށުމުން އާދީއްތަ ދުވަހުގެ ރޭ އޭޑީކޭއަށް ބަދަލުކުރިއެވެ. ހޯމަ ދުވަހު މެންދުރު ޑޮކްޓަރުން ވަނީ އޭނާ ސަލާމަތް ވުމުގެ ފުރުސަތު ކުޑަ ކަން އަންގައިފައެވެ. އީމާން ނިޔާވީ އިއްޔެ ހެނދުނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ނޫނޭ މޮޅު

    9
    1
  2. މެރީ

    ރަނގަޅު. އެކަމު މިގޮތަށް ސިޔާސީ މަގާމެއްގަ ހުރެގެން ނޫނަސް ރައްޔިތުންނަށް ހިދުމަތް ކުރާ ކޮންމެ އާއިލާއަކާ މެދު ޢަމަލް ކުރާނެ ކަމަށް އުންމީދު ކުރަން. މަރަކީ މަރު. ކޮންމެ އާއިލާއަކަށް ވެސް ގެއްލެނީ ލޯބިވާ ދަރިއެއް

    41
    1
  3. ދޯ

    ކޮން އުސޫލަކުން.؟؟؟... ނިކަމެތި މީހާ ނިކަމެތި ވާ ގައުމު މީ

    20
    5
  4. ބާނީ

    ތިލާރި ނިކަމެތި ފަގީރުންނަށް ބަހާބަލަށް .................................

    19
    5
  5. ސޯލިބޭ

    ވަޒީފާހުރި މީހަކު ނިޔާވުމުން އެމީހަކު ވަޒީފާ އިން ވަކިވާނެ. އެމައުލޫމާތު ފިނޭންސް މިނިސްޓްރީއަށް ދާނެ. ފިނޭންސުން އެމީހަކަށް މުސާރަ ނުދޭނެ. އެހެންވީމާ ތިޔަ ފައިސާ ދެނީ ކައުންސިލްގެ ބަޖެޓުންތޯ ނޫނީ މުއައްޒަފުންގެ މުސާރައިންތޯ؟

  6. މަރިނާތު

    ތީ އިންސާފްވެރި ނިންމުމެއް ނޫން. އީމާން ނިޔާވީތީ ހިތާމަ ކުރަން އެކަމު ހަމަ މިގޮތަށް ނިޔާވާ ކޮންމެ ދަރިއެއްގެ އާއިލާއަށް ދޭންވާނެ. ހިތްވަރެއް ހުރިއްޔާ ސިޓީ ކައުންސިލްގެ ކޮންމެ މެމްބަރަކު އަތުން 1000 ރުފިޔާ ހަދިޔާ ކޮށްބަލަ. ސަރުކާރު ބަޖެޓުން ދެންޏާ ވާނި ހަމަ ކޮންމެ ރައްޔިތަކަށް ވެސް އެއް އުސޫލަކުން ޢަމަލު ކުރަން. ސިޔާސީ މަޤާމްތަކަށް ވަކި އުސޫލެއް އޮވެގެން ނުވާނެ.