ޔޫކްރޭންގައި މިހާރު ތިިބި ނުވަ ދިވެހިން މިއަދުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ދެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ޔޫކްރޭންގައި މިހާރު ތިބި ނުވަ ދިވެހިން ތިބީ އެ ގައުމުގެ ހުޅަނގުގައި އޮންނަ ލިވީވް އަވަށުގައެވެ.

"ލިވީވް އިން އެ މީހުން ފުރަތަމަ ދާނީ ޔޫކްރޭންގައި ހުންނަ ހަންގޭރީގެ ކޮންސިއުލޭޓްއަށް، އެ ތަނުން ހަންގޭރީއަށް ދާން ބޯޑަރު ހުރަސް ކުރުމުގެ ދަތުރު މިއަދުގެ ވަގުތެއްގައި ފަށާނެ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ހަންގޭރީއަށް ދިއުމުގެ ހުރިހާ އިންތިޒާމެއް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަންގޭރީ ފޮރިން މިނިސްޓަރާއި ދަނީ މަޝްވަރާ ކުރެވެމުންދާއިރު، ހަންގޭރީގެ ބޯޑަރު ސަރަހައްދުން ދިވެހި ސަރުކާރުގެ ޓީމެއް ދިވެހިންނާއި ބައްދަލު ކުރާނެއެވެ.

ރަޝިއާއާއި ޔޫކްރޭންގެ މައްސަލަ ހޫނުވެ ރަޝިއާއިން ގެންދަނީ ޔޫކްރޭނަށް ގިނަ ހަމަލާތަކެއް ފޮނުވަމުންނެވެ. މަސްރަހު ގޯސްވުމުގެ ކުރިއަށް ޔޫކްރޭންގެ ބައެއް ދިވެހިން އެ ގައުމުން ބޭރުވެވުނެވެ.

50 އަށް ވުރެ ގިނަ ދިވެހިން ޔޫކްރޭންގައި އުޅެމުން ދިޔައިރު، މިހާރު އެ ގައުމުގެ އެތެރެ ތިބީ ނުވަ ދިވެހިންނެވެ.

ޔޫކްރޭނަށް ދިވެހިން ދިއުން މަޑުޖައްސާލަން ސަރުކާރުން އަންގާފައިވާއިރު، ރަޝިއާއާއި ބެލަރޫސްގައި ވެސް ގިނަ އަދަދެއްގެ ދިވެހިން އެބަ ތިއްބެވެ.

ރަޝިއާގައި 88 ދިވެހިން އަދި ބެލަރޫންގައި 137 ދިވެހިން ތިބިއިރު މި ދިވެހިން ވެސް އަނބުރާ ރާއްޖެ އަންނަން މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

ނަމަވެސް ގިނަ ދިވެހިންނަކީ ދަރިވަރުންނަށް ވުމުން، ޔުނިވާސިޓީތަކުގެ އުސޫލުތައް ހުރި ގޮތުން ގެންނަން ވަގުތުތަކެއް ނަގާ ކަން ފޮރިން މިނިސްޓްރީން ކުރިން ވެސް ފާހަގަކޮށްފައިވެއެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގައި ތިބި ސިފައިންނާއި އާންމުންގެ ގިނަ ބަޔަކާއި، ރަޝިއާގެ ސިފައިން ވެސް މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފް ހުސެން

    ޔުކްރޭނަގަތިބި ކިޔަވާކުދިން އެގައުމުން ނެރެގެން އެހެންގައުމަކައް ގެންދަން މިއަދުގެ ސަރުކާރުން ކުރި އެއްވެސްކަމެއް ބުނެދީބަލަ؟ އެންމެ ފުރަތަމަ ރާއްޖެއައި 11 ކުދިންނައް އެހީވީ ޔުކްރޭނުގެ ދެމަފިރިން އޭގެތެރޭން އަންހެންމީހާވެސް އެކުދިންނާއެކީ މާލެއައިސް އެބަހުރި. ދެންތިބި ކުދިން ތިބިތަންތަނުން ހޯދައިގެން ފުރާނައަތައްލައިގެން 18 ގަޑިއިރައްވުރެ ގިނައިރުގެ ދަތުރުކޮއްފަ އެކުދިން ޔުކްރޭނުން އެހެންގައުމެއްގެ ބޯޑަރައްލާފަ އެގައުމުން އެކުދިން ރޭގަ އުފުރުވާލަދިނީ ކުރިންބުނި ދެމަފިރިންގެތެރޭން ފިރިހެންމީހާ. އެކަމު ސާހިދުމެން އަރާ މިސަރުކާރޭކިޔައިގެން މޮޅުއަނގަތެޅީމަނިމުނީ