ހައުސިން ޑިވޮލަޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ހުޅުމާލޭގައި ތަރައްގީ ކުރާ ކޮންޓެއިނާ ޕާކް ރޯދައިގެ ކުރިން ނިމޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިއަދު އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި އެ ޕާކް ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށާއި އަދި އެތަން އާއްމުނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ހަދާ މި ޕާކް ތަަރައްގީކުރަނީ ބޭނުން ނުކޮށް ދޫކޮށްލައިފައި ހުންނަ ކޮންޓެއިނަރުތައް ބޭނުންކޮށްގެންނެވެ. އަދި މި ޕާކުގައި ކެފޭ، އެގްޒިބިޝަން ސްޕޭސް އަދި ތަފާތު މަސައްކަތްތައް ކުރުމަށް ކޯ ވޯކިން ސްޕޭސްއެއްވެސް ވަނީ ހިމަނާފައެވެ.

މި ޕާކާއެކު އާއްމުކޮށް މީހުން ޒިޔާރަތްކޮށް މަސައްކަތުގެ މަހައުލުގައި އަހުލުވެރިވުމާއި ހިތްހަމަޖެއްސުމަށް ފުރުސަތު ހުޅުވިގެންދާނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ މި ޕާކްގެ އެގްޒިބިޝަން ސްޕޭސްގައި ފަންނުވެރި ކަމުގެ މަސައްކަތްތައް މައުރަޒުކޮށް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި ތަފާތު މަންސަތައް ފަދަ ހަރަކާތްތައް ބޭއްވުމަށް ހުޅުވާލެވިގެންދާނެ ކަމަށް ބުނެފައި ވެއެެވެ.

އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕާކުތަކަށް އެކި ހަރަކާތްތައް ހިންގައި މަސައްކަތް ކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މާލޭ ސިޓީ އާއި ހިލާފަށް ހުޅުމާލެ އަކީ ޕްލޭންކޮށްގެން ހަދާފައިވާ ސިޓީއެއް ކަމުން ތޮށްޖެހުން ތަންކޮޅެއް ކުޑައެވެ. އަދި އާންމުކޮށް ދިރިއުޅުމަށް މާބޮޑަށްވެސް ހިތްފަސޭހައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަސީމް

    ކޮންޓޭނަރު ޕާރކު، ބާޖު ގެ، މީތަ މޑޕ ގެނެސްދޭ ތަރައްގީ އަކީ؟