ޔޫކްރެއިންގައި ބާކީ ތިބި ނުވަ ދިވެހިން ހަންގޭރީ އަށް ގޮސްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫކްރެއިންގައި ކިޔަވަމުން ދިޔަ ފަސް ދަރިވަރުންނާއި ހާކީވްގައި ދިރިއުޅެމުން ދިޔަ އާއިލާއެއްގެ ތިން މީހުންނާއި ނީޕްރޯގައި ދިރިއުޅޭ ދިވެއްސަކު ހަންގޭރީ އަށް ދިޔައީ ސަލާމަތްތެރިކަމާއެކުގައި ކަމަށެވެ.

މި ތަންތަނުގެ ތެރެއިން ހާކީވްއަކީ ރަޝިއާ އާއި ޔޫކްރެއިންގެ އަސްކަރިއްޔާއާ ދެމެދު އެންމެ ވަރުގަދަ އަށް ހަމަލަ ބަދަލު ކުރެވެމުންދާ އެއް ސިޓީއެވެ. އެ ސިޓީ އަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް ރަޝިއާ އިން ފޮނުވާލާފައިވާ އިރު، އެއްގަމު މަގުން ވެސް ސިފައިން ވަނީ ސިޓީ އަށް އަރައިފައެވެ.

އެ ހުރިހާ އެންމެން ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ މި ހާލަތުގައި ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ ފަރާތުން ފެނުނު ހިތްވަރާއި ކެތްތެރިކަމަށްޓަކައި އެ ދަރިވަރުންނަށް ޝުކުރު ދަންނަވައިފައެވެ.

ރަޝިއާއާއި ޔޫކްރޭންގެ މައްސަލަ ހޫނުވެ ޔޫކްރޭނަށް ގިނަ ހަމަލާތަކެއް ފޮނުވާލަން ފެށުނު ފަހުން ޔޫކްރެއިންގައި 50 އަށް ވުރެ ގިނަ ދިވެހިން ތިބިއެވެ. އޭގެ ތެރެއިން ގިނަ ދިވެހިން މިހާރު ތިބީ ރާއްޖޭގައެވެ.

ޔޫކްރޭނަށް ދިވެހިން ދިއުން މަޑުޖައްސާލަން ސަރުކާރުން އަންގާފައިވާއިރު، ރަޝިއާއާއި ބެލަރޫސްގައި ވެސް ގިނަ އަދަދެއްގެ ދިވެހިން އެބަ ތިއްބެވެ.

ރަޝިއާގައި 88 ދިވެހިން އަދި ބެލަރޫސްގައި 137 ދިވެހިން ތިބިއިރު މި ދިވެހިން ވެސް އަނބުރާ ރާއްޖެ އަންނަން މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

ނަމަވެސް ގިނަ ދިވެހިންނަކީ ދަރިވަރުންނަށް ވުމުން، ޔުނިވާސިޓީތަކުގެ އުސޫލުތައް ހުރި ގޮތުން ގެންނަން ވަގުތުތަކެއް ނަގާ ކަން ފޮރިން މިނިސްޓްރީން ކުރިން ވެސް ފާހަގަކޮށްފައިވެއެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގައި ތިބި ސިފައިންނާއި އާންމުންގެ ގިނަ ބަޔަކާއި، ރަޝިއާގެ ސިފައިން ވެސް މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު