ހއ. އިހަވަންދޫގެ އައިސް ޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމުގެ ދައުވާ ކުރާ ސުމޮން މިއާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައި، މި މަހު ގޮތެއް ނިންމާނެ ކަން ޝަރީއަތުން އަންގަވައިފިއެވެ.

އިހަވަންދޫ އައިސް ޕްލާންޓްގެ މެނޭނިކެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އިއްސެ މަރާލާފައި އޮއްވާ ފެނުނީ ޖޫން 16، 2017 ގައެވެ. އައިސް ޕްލާންޓް ތެރޭގައި އިއްސެގެ ހަށިގަނޑު އޮއްވައި ފެނުނުއިރު، އެ މަރަށް މިހާރު ފަސް އަހަރު ފުރޭން ދެން އޮތީ ތިން މަސް ދުވަހެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ޚުލާސާ ބަޔާން އިއްވުމެވެ. ދައުލަތުގެ ފަރާތުންނާއި ދިފާއީ ވަކީލުގެ ފަރާތުން ޚުލާސާ ބަޔާން އިއްވިއެވެ. އޭގެ ފަހުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ ސާބިތުވުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމުގައެވެ.

ގާޒީ އަލީ އާދަމް ވިދާޅުވި ގޮތުން، މި މަހުގެ ތެރޭ އެ އަޑުއެހުން ތާވަލު ކުރާނެއެވެ. އެ އަޑުއެހުމުގައި ގޮތެއް ނިންމުމަށް ފަހު، ސާބިތުވާނަމަ އަދި ހަމަ އެ ދުވަހު ވާރިސުން ހާޒިރު ކުރެވޭނަމަ އެ ދުވަހަށް އެ ކަން ވެސް ތާވަލުކޮށް ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އިއްސެ މަރާލި ކަމަށް ތަހުގީގާއި ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ވެސް ސުމޮންމިއާ އެއްބަސްވެފައިވެއެވެ. އޭނާ ބުނި ގޮތުން، އިއްސެ މަރާލަން ޖެހުނީ މަސައްކަތުގެ ވަގުތުގައި އުނދަގޫކޮށް، އޭނާ އާއިލާއަށް ވަގުތު ދޭން ވެސް އިއްސެ ފުރުސަތު ނުދޭތީ އެ ނުރުހުންތެރިކަމުގައެވެ.

ނަމަވެސް ފަހުން ސުމޮންމިއާ ވަނީ އޭނާ ކުށަށް އިއުތިރާފްވީ ފުލުހުން ބިރު ދައްކައި އޭނާއަށް އަނިޔާ ކުރުމުން ކަމަށް ބުނެފައެވެ. އަދި ދައުލަތުން އުފުލާފައިވާ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް ސުމޮންމިއާ އިންކާރު ކުރިއެވެ.

އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ސުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން އޭނާ ފިލައިގެން ދިޔައީ ކަމުގައި ރަށު ރައްޔިތުންނަށް ވެސް ގަބޫލު ކުރެވުނެވެ. އޭގެ ފަހުން އޭނާ ހައްޔަރު ކުރީ ހދ. ކުޅުދުއްފުށީގައި ހުއްޓައެވެ.