ޏ. ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ސަދާ ސައުދުﷲ އަހުމަދު ނިޔާވި މައްސަލައިގައި އިހުމާލުވެފައިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ޖިނާއި ދައުވާ ކުރުމަށް ކުޑަކުއްޖާގެ އާއިލާއިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިކަމާއި ގުޅިގެން ސަދާގެ ބައްޕަ، ސައުދުﷲ އަހުމަދު ހަސަން ބުނިގޮތުގައި މި މައްސަލައިގައި މިހާތަނަށް ނަރުހުންނަށް ވެސް އަދި ޑޮކްޓަރުންނަށް ވެސް އިތުރު ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގައި ޖިނާއީ ދައުވާ ކުރުމަށް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި އިހުމާލުވި ކަމަށް ބަލައި، ޑޮކްޓަރުން ވަޒީފާއިން ވަކިކޮށް ގައުމަށް ފޮނުވާލި ނަމަވެސް، މަރުގެ މައްސަލައެއްގައި އެއީ އެންމެ ރަނގަޅު ފިޔަވަޅެއް ނޫނެވެ. ދަރިފުޅުގެ މަރަށް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ސިއްހީ ދާއިރާގެ ތެރެއިން އެ މައްސަލައިގައި ދެން އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އިހުމާލުވީ ފަރާތްތަކަށް ޖިނާއީ ދައުވާކުރަން ފޮނުވީ އެހެންވެ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުވައްމުލަކު ފުނާޑު، ނޫރިފެހި ގޭގެ އުމުރުން ހަ އަހަރުގެ ސަދާ ނިޔާވީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި ސައުދު އެދެނީ އެދެނީ އެ މައްސަލައިގައި ހިމެނޭ ކޮންމެ މީހެއްގެ މައްޗަށް ވެސް ވަކިވަކިން ޖިނާއީ ދައުވާ ކުރުމަށެވެ.

ސަދާގެ ބައްޕަ ސަދާގެ ބައްޕަ ސައުދުﷲ އަހުމަދު ކުރިން ބުނި ގޮތުގައި އިންޖެކްޝަން ޖެހިތާ ފަސް މިނިޓް ތެރޭގައި ދަރިފުޅުގެ ހަރަކާތް ހުއްޓުނެވެ. އޭގެ ފަހުން ސީޕީއާރް ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވަނީ އެރޭ 19:08 ހާއިރުއެވެ. އެ މައްސަލާގައި ހިމެނޭ މީހުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

ސައުދުއަށް އެޑްރެސްކޮށް ހެލްތް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ވަނީ އެ މައްސަލަ ނިމުނު ގޮތުން ތަފްސީލު ހިއްސާކޮށްފައެވެ. އެގޮތުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން މި މައްސަލައިގައި ހިމެނޭ ޑޮކްޓަރުންގެ ލައިސެންސް ސަސްޕެންޑް ކުރަން ވަނީ ނިންމާފައެވެ.

މައްސަލަ ރިވިއު ކުރުމުގެ މަސައްކަތް މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފަރީން ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ. ސައުދު ބުނީ ސަދާއަށް ދިމާވި ފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް ހެލްތް ސިއްހީ ދާއިރާގެ ކަންކަން ބައްޓަން ކުރެވޭނީ އަދުލު އިންސާފުގެ ނިޒާމުން ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލާއި ގުޅިގެން ތަފާތު މައްސަލަތައް އަބަދުވެސް ފެންމަތިވެއެވެ. އެހެންނަމަވެސް އެކަން ރަނގަޅުކުރަން އެއްވެސް ސަރުކާރަކުން މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީގޮނު

    ކޮވިޑްޖެހިގެން ހާލުދެރަވެ ގަސްދުގައި އެންބިއުލާންސް ފޮނުވުންލަސްކޮށް ޚާއްސައެހީއަށްބޭނުންވާ މައުސޫމު މިޝްކާގެ މަރުގެއިހުމާލުވި މިނިސްޓްރީގެ އިސްމީހުންނަށް އެޅުނީކޮން ފިޔަވަޅެއް. އެމަރުގެ އިންސާފު ހޯދައިދިންތަ. މިސުވާލުގެޖަވާބުނޫސްވެރިންހޯދައިދީބަލަ.އެިވެދާނެނިކަމެތި ދެމަފިރިންކަމަށް. އެހެންވީމާމާކަބޮޑުސަމާލުކަމެއްނުދެނޭތާ. އެކަމަކު ސަދާގެ ބައްޕައަކީ ހާޑްކޯގޮއްތީންދޫއަކަށްވެއްޖިއްޔާތިކަމުގެ ފިޔަވަޅުތައަވަސްވެދާނެ. މިކަހަލަތަފާތުކުރުންބޮޑު ސަރުކާރެއްމީ.ނިކަމެތިމުވައްޒަފުންނަށް ބިރުދެއްކުން ކަމަކީ.