ޔޫކްރެއިންގައި ހަންގޭރީއަށް ދިޔަ ނުވަ ދިވެހިން ހޮނިހިރު ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގައި ކިޔަވަމުން ދިޔަ ފަސް ދަރިވަރުންނާއި ހާކީވްގައި ދިރިއުޅެމުން ދިޔަ އާއިލާއެއްގެ ތިން މީހުންނާއި ނީޕްރޯގައި ދިރިއުޅޭ ދިވެއްސަކު ހަންގޭރީ އަށް ދިޔައީ ސަލާމަތްތެރިކަމާއެކުގައި ކަމަށް ރޭ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިއަދު މެންދުރު ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރަހިމް ހަސަން ވިދާޅުވީ، ހަންގޭރީގައި ތިބި ދަރިވަރުން ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

ރަޝިއާއާއި ޔޫކްރޭންގެ މައްސަލަ ހޫނުވެ ޔޫކްރޭނަށް ގިނަ ހަމަލާތަކެއް ފޮނުވާލަން ފެށުނު ފަހުން ޔޫކްރެއިންގައި 50 އަށް ވުރެ ގިނަ ދިވެހިން ތިބިއެވެ. އޭގެ ތެރެއިން ގިނަ ދިވެހިން މިހާރު ތިބީ ރާއްޖޭގައެވެ.

ޔޫކްރޭނަށް ދިވެހިން ދިއުން މަޑުޖައްސާލަން ސަރުކާރުން އަންގާފައިވާއިރު، ރަޝިއާއާއި ބެލަރޫސްގައި ވެސް ގިނަ އަދަދެއްގެ ދިވެހިން އެބަ ތިއްބެވެ.

ރަޝިއާގައި 88 ދިވެހިން އަދި ބެލަރޫސްގައި 137 ދިވެހިން ތިބިއިރު މި ދިވެހިން ވެސް އަނބުރާ ރާއްޖެ އަންނަން މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

ނަމަވެސް ގިނަ ދިވެހިންނަކީ ދަރިވަރުންނަށް ވުމުން، ޔުނިވާސިޓީތަކުގެ އުސޫލުތައް ހުރި ގޮތުން ގެންނަން ވަގުތުތަކެއް ނަގާ ކަން ފޮރިން މިނިސްޓްރީން ކުރިން ވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު