ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ބިދޭސީއަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ފަށައިފިއެވެ.

އެގޮތުން މިއަދު ފުލުހުން ކުރި އާންމު އިއުލާނެއްގައި ބުނެފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓުން ކުރިޔަށްގެންދާ ޑްރަގާއި ގުޅޭ މައްސަލައަކާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ މޮހޮންމަދު މިޒަނޫރު ރަޙްމާން (37އ) ހޯދުމަށް އާންމުންގެ އެހީއަށް އެދޭ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓުގެ ނަމްބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގައި އާންމުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗާއި ގުޅޭ މައްސަލަތަކުގައި މިހާރަކަށް އައިސް ގިނަ އަދަދެއްގެ ބިދޭސީންނާއި ކުޑަކުދިން އަންނަނީ ބައިވެރިކުރަމުންނެވެ. އެގޮތުން ވަކިން ހާއްސަ ގޮތެއްގައި ރަސްމީ ލިޔެކިއުމެއް ނެތް ބިދޭސީން ބޭނުންކުރަމުން ގެންދާކަން ފުލުހުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބައެއް ބިދޭސީން ދިވެހިންނާއި ކައިވެނިކޮށްގެން ވެސް ކުށުގެ ވެށީގައި އުޅޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބިދޭސީންނާއި ކޫޑަކުދިން ބޭނުންކުރަނީ ގާނޫނުގައި ހުންނަ އެކިކަހަލަ ބާގަނޑުތަކުގެ ބޭނުން ކުރަން ކަމަށް ވެސް ފުލުހުން މީގެ ކުރިމް ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    މީނައެއް ނޫންތަ އަމީނީމަގުގަ މިފަހަކުން ހެދި ގުދަނެއްގެ މަސައްކަތުގަ އުޅުނީ؟