ލ. ގަމު ފެއާޓްރޭޑް ޖަމިއްޔާގައި ރަޖިސްޓްރީވެފައި ތިބި އެރަށުގެ ކޮންމެ މަސްވެރިޔަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000ރުފިޔާ ދިނުމަށް އެރަށު މަސްވެރިންގެ އެކުވެރި ޖަމިއްޔާއިން ނިންމައިފިއެވެ.

ގަމު މަސްވެރިންގެ އެކުވެރި ޖަމިއްޔާއިން އެރަށު މަސްވެރިންނަށް 3000ރުފިޔާގެ ރޯދަ އިނާޔަތް ދޭން ނިންމާފައިވަނީ އެ ޖަމިއްޔާއިން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަނީ އެރަށު މަސްވެރިންގެ ތެރެއިން ދެ މަސްވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ވެސް ނިންމާފައެވެ.

މިކަމާއި ގުޅިގެން "ވަގުތު"އާއި ވާހަކަދައްކަވަމުން ގަމު މަސްވެރިންގެ އެކުވެރި ޖަމިއްޔާގެ ރައީސް ހުސެއިން ހަނީފު ވިދާޅުވީ އެރަށުގައި ފެއާޓްރޭޑްގައި ރަޖިސްޓްރީ ވެފައިތިބި 172 މަސްވެރިން އެބަތިބި ކަމަށާއި އެއިން ކޮންމެ މަސްވެރިޔަކަށް ރޯދަ އިނާޔަތުގެ ގޮތުގައި އެ ޖަމިއްޔާއިން 3000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

"މި ޖަމިއްޔާގެ އާންމު މެންބަރުންގެ ބައްދަލުވުމަކުން މިއަދު ނިންމާފައި މިއޮތީ މިރަށުގައި ތިބި 172 މަސްވެރިން، އެއީ ފެއާޓްރޭޑްގައި ރަޖިސްޓްރީ ވެފައިތިބި. މި މަސްވެރިންނަށް، ކޮންމެ މަސްވެރިޔަކަށް 3000 ރުފިޔާ މިއަހަރު ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ގޮތަށް ނިންމާފައި މިވަނީ" އޭނާ ވިދާޅުވިއެވެ.

މިގޮތުން 172 މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމަށް 516،000 ރުފިޔާ ހޭދަވާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މި ފައިސާ އަކީ ފެއާޓްރޭޑް މެދުވެރިކޮށް ވިއްކާ މަސްދަޅުން އެ ޖަމިއްޔާއަށް ލިބޭ ވަކި އިންސައްތައެއް ނަގައިގެން ހޯދާފައިވާ ފައިސާ ކަމަށެވެ.

މީގެ އިތުރުން ވެސް އެރަށުގެ މަސްވެރިންގެ ތެރެއިން ކޮންމެވެސް ދެ މަސްވެރިއަކަށް މިއަހަރުގެ ތެރޭގައި އުމްރާ ދަތުރެއް ވެސް ހަމަޖެއްސުމަށް އެ ޖަމިއްޔާގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި އަދި އެރަށުގެ މަސްވެރި ދޯނިތަކުގެ ސަލާމަތީ ކަންކަން ވެސް އެ ޖަމިއްޔާއިން ބެލެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ވަރަށް ރަގަޅު ކަމެއް ތިކުރަނީ. ސާބަސްދެން

    54
    3
  2. އާއްޕެ

    ސާބަސް ހަނީފްބެ އަދި ޖަމުއިއްޔާއަށް. ބަރަކާތް ލައްވާށި!

    23
    1
  3. ލ.

    امين