ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރޯދަ މަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓްރިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މިސްކިތް ހުޅުވުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ރޯދަ މަހު ސަލްމާން މިސްކިތުގެ ނަމާދު ކުރާ ބައި ބޭނުން ކުރެވޭނެ ކަމަށާއި ނަމަވެސް މިސްކިތުގެ އެހެންތަންތަން އަދި ބޭނުން ނުކުރެވޭނެ ކަމަަށެވެ.

"މިސްކިތް ހުޅުވަން މިހާރު ހުރިހާ ތައްޔާރީތަކެއް ނިމިއްޖެ. ރޯދަ މަހު އެ މިސްކިތުގައި ނަމާދު ކުރެވޭނެ." އޮފިޝަލު ވިދާޅުވި އެވެ.

ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްފައިވާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ތުރުކީވިލާތުގެ ކުންފުންޏެއް ކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ.

ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި ޖުމްލަ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ފަސް ސެމިނާ ރޫމުގެ އިތުރުން އިސްލާމިކް ލައިބްރަރީއެއް ވަނީ ގާއިމު ކޮށްފައެވެ. ހަތަރުވަނަ ފަންގިފިލާއަކީ ސެމިނާ ތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ހާއްސަ އޮޑިޓޯރިއަމެކެވެ. މިސްކިތުގެ ފަސްވަނަ ފަންގިފިލާ ތަރައްޤީ ކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް ހޯލެއްގެ ގޮތަށެވެ.

ސަލްމާން މިސްކިތުގައި ރޯދަ މަހު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއިރު މިސްކިތުގެ މަސައްކަތް ނިމުނުތާ ދެއަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މިސްކިތް ހުޅުވާފައި ނުވާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާއްޖެ

    މިހާރުވެސް ކުރެވިދާނެ، ތިތާ ދޮރު ހުޅުވާފަ ބަހައްޓަބަލަ.

    22
  2. އިސްޢާފް ސަލީމް

    މި ސަރުކާރަށް 4 އަހަރު ވުމަށް ކުޑަތަންވެފައި އޮތްއިރު ރައްޔިތުންނަށް ފެންނަން އޮތީ 3 ކެނޑުމެކެވެ.
    1. ފޮނި ކެނޑުން
    2. ޚަރަދު ކެނޑުން
    3. ރިބަން ކެނޑުން

    25
  3. ސައީދު

    މިސްކިތް ނުހުޅުވާ މިސްކިތް ބާ ކޮށްލަނީ ، ވަރަށް ދެރަ....

    27
  4. ފަޓާސް

    ކިހިނެއްތަ މިވަނީ. ކުރިންވެސް މިތަނުގައި ނަމާދު ކުރިއެއްނު. ޙަމަ ހުއްދަވެސް ދިނެއްނު. ފަހުން ބަންދުކޮށްފައި ހުރީތަ. ނޫނީ ވަޅުދިޔަ ހިއްކާލާފައި ދާނި ގަންބާލާފަ ފެންގަނޑު ގުޑުވާލީތަ. ކޮންކަހަލަ މިނިސްޓްރީއެއްތަ

  5. ހށނ

    އަބަދުވެސް އޮންނާނީ އެއްޗެއް މަދުވެފަ

  6. ޢަބުދުﷲ ޙަސަން

    އެމްޑީޕީ ވެރިކަުގައި ސޯލިހު އެޅި މިސްކިތަކައްވީތޯ ތިހުޅުވަނީ؟ ލަދުން ބޯހަލާކު.