ރާއްޖޭގައި މަސައްކަތް ކުރާ ހިތުގެ ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕެއް ބާއްވަން އައިޖީއެމްއެޗްއިން ނިންމައިފިއެވެ.

"ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވޯކްޝޮޕް"ގެ ނަމުގައި ކުރިއަށް ގެންދާ އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ވޯކްޝޮޕް ބައްދަލުވުން ކުރިއަަށް ގެންދާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

އެ ވޯކްޝޮޕް ކުރިއަށް ގެންދާނީ ލައިވް ޓެލެކާސްޓް މެދުވެރިކޮށް ކަމަށާއި މި މަސައްކަތު ބައްދަލުވުމުގައި އިންޑިއާ، ނޭޕާލް އަދި ރާއްޖޭގެ ހިތުގެ ހާއްސަ ޑޮކްޓަރުން ބައިވެރިވާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

ވޯކް ޝޮޕްގެ މައިގަނޑު މަގުސަަދަކީ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކެލްސިއަމް ޖަހާ ހަރުވެފައި ހުރި ހިތުގެ ހޮޅިތައް ހުޅުވުމުގައި ބޭނުންކުރާ އުކުޅުތަކާއި މިހޮޅިތަކުގެ އެތެރެ ސްކޭން ކުރުމަށް ގެންގުޅޭ ފަހުގެ ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އޭގެ ސަބަބުން ބަލި މީހުންނަށް ދިގު މުއްދަތަކަށް ފައިދާ ކުރާލެއް ބޮޑުވެގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.