ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައި އުފައްދާފައިވާ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބީއެމްއެލް އެކައުންޓް ފްރީޒް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެކޮޅަށް މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެ މައްސަލަ ކޯޓުން ބަލައިގަތް ކަން ދައުވާ ކުރި ފަރާތަށް ވަނީ އަންގައިފައެވެ.

ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ފުރަތަމަ އޮންނާނީ ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން މަޝްވަރާކޮށްގެން މައްސަލައެއް ހައްލެއް ހޯދުމަށް ބާއްވާ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާގެ އަޑުއެހުމެވެ. މަރުހަލާއެވެ. އެ މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، މައްސަލަ ޝަރީއަތަށް ފޮނުވާނެއެވެ.

ކިންގްސް އިން ހުށަހެޅި މައްސަލައިގައި ވަނީ އެ ކުންފުނީގެ ބީއެމްއެލް އެކައުންޓް ގާނޫނީ އެއްވެސް ސަބަބެއް ނެތި ނުވަތަ އަމުރެއް ނެތި އެ ބޭންކުން ފްރީޒްކޮށް އެ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ.

އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން އާންމުންނަށް ފަސޭހައިން ފައިސާ ލިބޭނެ ގޮތަށް ކުރިއަށް ގެންދާ "ކިންގް ފޮރެކްސް އިންވެސްޓްމެންޓް" އަށް ގިނަ ބަޔަކު އިންވެސްޓް ކޮށްފައިވާއިރު، ބީއެމްއެލް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވަނީ އެއީ ޕޮންޒީ ސްކީމެއް ކަމަށެވެ.

ކިންގްސް އިން ބީއެމްއެލް އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެކައުންޓް އަންފްރީޒް ކުރުމަށް ބީއެމްއެލްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

މީގެއިތުރުން ގާނޫނީ އެއްވެސް ސަބަބެއް ނެތި ނުވަތަ އަމުރެއް ނެތި ބީއެމްއެލް އިން ކިންގްސްގެ އެކައުންޓް ހިފަހައްޓާފައިވާތީ އެކައުންޓް އަންފްރީޒްކޮށް ދޫކޮށްލުމާ ހަމައަށް އެކަމުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދައުވާ ކުރުމުގެ ހައްގު ކިންގްސް އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އެ މައްސަލައިގެ ތަފްސީލްގައިވާ ގޮތުން ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާވެގެން ނުވާ ހުއްދަ ކަމެއް ކަން އެމްއެމްއޭ އިން ކުރިން ކުރި އިއުލާނަކުން ވެސް އެނގެން އޮންނަ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރުން މަނާ ގާނޫނެއް ނެތް ކަމަށް ބުނެފައިވެއެވެ.

އަލްހާންގެ ކުންފުނިން ހިންގަނީ ޕޮންޒީ ސްކީމެއް ކަމަށް ބީއެމްއެލް އާއި އެމްއެމްއޭ އިން ބުނަމުންދާތީ ފުލުހުން ވެސް ވަނީ އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަން ފަށާފައިވާ ކަން ހާމަކޮށްފައެވެ.

"ކިންގް ފޮރެކްސް އިންވެސްޓްމެންޓް" އަށް ގިނަ ދިވެހިން އިންވެސްޓް ކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ އެމީހުންނަށް ލިބެން ޖެހޭ ފައިސާ ގަވައިދުން އެކުންފުނިން ދޭ ކަމަށް ބުނެފައެވެ. އަދި އެއީ ޕޮންޒީ ސްކީމެއް ވެސް ނޫން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ލުއި ގޮތަކަށް ރައްޔިތުން ޖީބަށް ފައިސާ ވަންނަ މަގު ބަންދު ކުރުމަށް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ސަރުކާރުން "ކިންގް ފޮރެކްސް އިންވެސްޓްމެންޓް"ގެ މަސައްކަތަށް ހުރަސް އަޅައި އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނާތީ ސަރުކާރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލިމް

    ލަވްޔޫ އަލްހާން... ސާބަހޭ

    9
    6
  2. ނަނަނަ

    އަލަހާނަކީ ވަގެެެއް. އެކަމަކު ވަގަކަށްވެސް ކޯޓަށް މައްސަލަ ވެއްދުމުގެ ހައްގު އޮވޭ.

    7
    11
    • ލިމް

      ކަލޭ ތީ ބޮޑު ވަގު....

      5
      6
    • Anonymous

      އަލްޙާނަކީ ވަގެއް ކަމަށް ސާބިތުވެއްޖެތަ؟

      1
      1
  3. Anonymous

    ސިވިލް ކޯޓުގެ ޑިސްޕިއުޓުގައި ކިތައް މައްސަލަ އެބައޮތްތަ؟ ކެނެރީގޭ ނަޝީދު ބުނެގެން އެތައް މައްސަލައެއް ހުއްޓުވާފައި އެބައޮތް. ދެން މި ސަރުކާރު ނިމުނީމާ ވެސް ގާޒީންނަށް ހުރިހާ ބަލާވެރިކަމެއް ކުރިމަތިވާނީ. ގާޒީންގެ ވަޒީފާ ގެއްލޭނީ. ހުރިހާ ޖަރީމާއެއް ހިންގީ ކެނެރީގޭ ނަޝީދު. މީ ކިހާ ދެރަކަމެއްތަ؟