ސައިބަރ ކުށްތައް ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ ސައިބަރ ކްރައިމް ޑިޕާޓްމަންޓުގެ މަސައްކަތް, މިހާރަށްވުރެ ހަރުދަނާކުރުމަށް ގިނަ ޕްލޭންތަކެއް ރޭވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާޓްމަންޓެއް އުފެއްދެވުމަށް ނިންމަވައި އެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނުކުރެއްވީ, އެމަނިކުފާނު 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.

އެގޮތުން ފުލުހުންގެ ގާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާއެކު، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ރައީސް އޭރު ވަނީ, 2021 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓެއް އުފައްދަވައި އެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނެވިފައިވާ ބަދަލުތަކާއެކު، އެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ސައިބަރ ކްރައިމްއާ ގުޅުންހުރި ތަހުގީގުތައް ހިންގާ އޮފިސަރުންނާއި، އެކަމާ ގުޅޭ ޓެކްނިކަލް ފަރާތްތަކާއި، އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތައް މޮނިޓަރކުރާ ފަރާތްތައް އެއް ތަނެއްގައި ތިބެގެން މަސައްކަތްކުރެވޭގޮތަށް ސައިބަރ ކްރައިމް ޑިޕާޓްމަންޓް މިހާރު އެކުލަވާލެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި, އެ މަސައްކަތް މިހާރު ފަށައިގެންފައިވީ ނަމަވެސް، ސައިބަރ ކްރައިމް ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކޮށް، މަސައްކަތް އިތުރަށް ފުޅާކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހެއެވެ. އެކަމާގުޅޭ ޕްލޭންތައްވެސް މިހާރު ވެސް އެކުލަވާލާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދެއެވެ. އެގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މެދުވެރިކޮށް މިހާރުވެސް ފުލުހުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ސައިބަރ ކުށްތައް ކުރާ މިންވަރު އިތުރުވެފައިވާ އިރު، ފުޅާ ދާއިރާއެއްގައި އެފަދަ ގްރޫޕުތައް, ޓެލެގްރާމް ޗެނަލްތަކުގައާއި ވައިބަރ ގްރޫޕުތަކުގައިވެސް ހިންގާކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިސާލެއްގެ ގޮތުން އާންމު ފަރުދުންގެ ފޮޓޯއާއި ވީޑިއޯތަކާއި، ޒާތީ މައުލޫމާތު ހިއްސާކުރުމާއި، ބްލެކްމެއިލްކުރުން ފަދަ ކަންކަންވެސް މިހާރަކަށް އައިސް ވަނީ އާންމުވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެންމެ އާންމުކޮށް އުޅެނީ, ހެކްކުރުމާއި، ޑިސްޓްރިބިއުޓިވް ޑިނައިލް އޮފް ސަރވިސް (ޑީޑޮސް) އެޓޭކްސް ދިނުމުގެ އިތުރުން ޝޯޝަލް މީޑިއާތަކުގެ ޒަރީއާއިން އިންޒާރުދިނުމާއި ބިރުދެއްކުމާއި، އޮންލައިން ޑެބިޓް އަދި ކްރެޑިޓް ކާރޑް ފްރޯޑްފަދަ ކުށްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދެޓް ޑިޕާރޓްމަންޓް މައިޓް ބީ ދް ސައިބާރ ކްރައިމް_____________

  2. ފަޒްލާ

    ކަލޯ ދެން އޮތީ މިސަރުކާރަށް ބާކީ އެއް އަހަރު ދެން އޯކޭ ހަރުދަނާ ނުކުރިޔަސް ތިޔަ އެމް.ސީ ހަމީދު ބޭރުވަންދެން ތި ހުރި ވަރުގަ ތިކަން ބަހައްޓާ ކޮންމެހެން ނުރޭވިޔަސް އޯ.ކޭ، އަހަރެމެން ތިކަން ހަމަޔަކަށް އެޅުވުމަށް 100 އަހަރުގެ ޕްލޭނެއް ހިފައިގެން މި އަންނަނީ އިންޝާﷲ.