ނ.މިލަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި މިދިޔަ ފެބްރުއަރީ މަހު އަލިފާން ރޯކޮށްލި މައްސަލައިގައި އެރަށު މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ނ. މިލަދޫ، ފަތަގުމާގެ، ޢަބްދުﷲ ޝުހާދު އަޙްމަދުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ 18 ފެބުރުވަރީ 2022 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ.މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ޢަބްދުﷲ ޝުހާދު އަޙްމަދުގެ މައްޗަށް ދައުވާ ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 220 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ.

މި މައްސަލައިގައި ޢަބްދުﷲ ޝުހާދު އަޙްމަދުގެ މައްޗަށް އުުފުލާފައި ވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓްގައެވެ.

މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް، އެމީހުންގެ މައްޗަށް ދައުވާކުރާ މިންވަރަށް ހެކި ލިބިފައި ނުވާތީ އެމީހުންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

ހާދިސާ ހިނގި ދުވަހު ފުލުހުން ވިދާޅުވީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާއަށް އިންޒާރުދީ ފުލުސް މީހާގެ ސައިކަލްގައި އަލިފާން ރޯކޮށްލީ ކަމަށެވެ.

ސައިކަލުގައި އަލިފާން ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިޔާގައި ވަނީ އާންމުވެފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މޫނު ނިވާ ކޮށްގެންހުރި މީހަކު ގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅައެވެ. އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު