މަންމަނަކަށް ހެދިގެން ގެއަކަށް ވަދެ, މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަހްމަދު އާމިރު ހުސައިން, 29،އެވެ.

މ. މުލަކަށް އުފަން އެ މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

އަހްމަދު އާމިރަކީ އެކިއެކި ކުށުގެ ރިކޯޑުތައް ވެސް އޮންނަ މީހެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މާފަންނުގައި ހުންނަ ގެޔަކަށް އަހްމަދު ވަނުމަށް ފަހު މަންމަނެއް ކަމަށް ބުނެ، އެގޭގައި ތިބި މީހުން އަތުން ފައިސާ ހޯދަން ވަނީ މަސައްކަތްކޮށްފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ފަހަކަށް އައިސް ގިނަވެފައިވާ އިރު، އެފަދަ މައްސަލަތަކުގައި މީގެކުރިން ގިނަ ބަޔަކު ހޯދަން އިއުލާން ވެސް ކޮށްފައިވެއެވެ.