އިކޮނޮމިކް މިނިސްޓްރީގެ އެކްސްޕެޓް ސިސްޓަމުގެ ކުރިން ބިދޭސީން ގެނައުމަށް ދައްކާފައިވާ ފައިސާ ޑިޕޮސިޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމް ތެރެއިން، ސަރުކާރަށް ނަގާފައިވާ ޑިޕޮސިޓް ފައިސާ، އެ ފައިސާގެ ހައްގުވެރި ފަރާތްތަކަށް ރީފަންޑުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިގޮތުން، 21 ޖުލައި 2019 އިން ފެށިގެން މިއަދާ ހަމަޔަށް، ސަރުކާރުގައި ބެހެއްޓިފައިވާ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ތެރެއިން 549,241,703 ރުފިޔާ ވަނީ އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމް ވުޖޫދަށް އައުމުގެ ކުރިން، ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެވޭ ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އެކި ދުވަސްވަރު ދައްކާފައިވާ ޑިޕޮސިޓް ފައިސާވެސް، އޭގެ ހައްގުވެރި ފަރާތްތަކަށް ރީފަންޑް ކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް އެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެކި ދުވަސްވަރު ބެލެހެއްޓި ސަރުކާރުގެ އެކި އެކި އިދާރާތަކަށް ދައްކާފައިވާ ފައިސާގެ ތެރެއިން ރީފަންޑް ކުރަންޖެހޭ ޑިޕޮސިޓް ފައިސާގެ މައުލޫމާތު ރީފަންޑް ކުރުމަށް އެދޭފަރާތްތަކުން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެކްސްޕެޓް އޮންލައިން ސިސްޓަމް ވުޖޫދަށް އައުމުގެ ކުރިން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން، އެފަރާތްތަކުގެ މަސައްކަތަށް ބިދޭސީން ރާއްޖެ ގެނައުމަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާގެ ރިފަންޑް ބޭނުންވާނަމަ، އެފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ތަފްސީލް، މި ލިންކް މެދުވެރިކޮށް ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ. އަދި މުއްދަތުގެ ތެރޭގައި ޑިޕޮސިޓް ފައިސާ ރީފަންޑް ކޮށްދިނުމަށް އެދި ހުށަނާޅާ ފަރާތްތަކަށް އިތުރުފުރުސަތެއް ދެވެން ނޯންނާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ވެރި ފަރާތަށް ނޭނގި ބަޔަކާ ގުޅިގެން ވަގު ޑޮކިއުމެންޓް ހަދައިގެން ފައިސާ ކޮޅު ވަގަށް ނަގާ ބަޔަކުވެސް އުޅެ އެވެ.

  2. އަބްދޫ

    ޑޮލަރުން ފައިސާ ދެއްކި ދުވަސްވަރު އެކިފަރާތްތަކުން ޑިޕޮޒިޓް ގެގޮތުގައި ބަހައްޓާފައިވާ 11 މިލިއަން ޑޮލަރު އެމްޑީޕީ ގެ ފުރަތަމަ ވެރިކަމުގަ ނަސީދު ވަނީ ހަޖަމްކޮށްފަ. ސިސްޓަމް ތެރޭން އޮންލައިންކޮށް ޕޭނުކުރިޔަސް ސަރުކާރުގެ ރެކޯޑްތަކުން ޑިޕޮޒިޓްފައިސާ ދެއްކިފަރާތްތައް އެގެން ހުންނަން ޖެހޭނެ ކަމަށް ދެކެން. އެމްއެމްއޭގެ އެކައުންޓް ތަކުގާ ޖަމާކުރެވުނު ފައިސާ ރެކޯޑްކުރާ ދުވަހުފޮތްތައް ހުންނަންޖެހޭނެކަމަށް ދެކެން. ޑިޕޮޒިޓް ފައިސާ ބޭނުންކޮށްފަ ލިއުންތައް ނައްތާލީތަ؟