މިހާރު ކުރަމުންދާ ވިއްސާރަގައި މޫސުން އިތުރަށް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އިން ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް މިރޭ 8:30 އިން މެންދަމު 1:30 އަށެވެ. އެ ގަޑިތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އިން ބުނެ އެވެ.

މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރަމުންދަނީ ދެ ތޫފާނެއްގެ ސަބަބުން ނެވެ.

ރާއްޖޭގެ އެއްކޮޅުން އުފެދިފައިވަނީ ބޭ އޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާން "އަސަނި"އެވެ. އަނެއް ކޮޅުގައި އުފެދިފައިވަނީ ސަދަން ހެމިސްފިއާގައި އުފެދިފައި އެވަނީ ތޫފާން "ކާރިމް" އެވެ.

ތޫފާން އަސަނި އިންޑިއާގެ އަންދުރަ ޕްރަދޭޝާއި އޮޑިޝާ ސަރަހައްދާއި ދިމާލަށް ދަތުރު ކުރަމުންދާއިރު، މިތޫފާނުގެ ބާރު ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ ލަފާ ކޮށްފައެވެ.

ތޫފާން ކާރިމް ދަތުރު ކުރަމުން ދަނީ ކޮކޯ އައިލެންޑް ކައިރިން ރާއްޖެއާއި ދުރަށެވެ.

މި ދެތޫފާނާއި ގުޅިގެން ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ދެ ތޫފާނު ވެސް ދަތުރު ކުރަމުން ދަނީ ރާއްޖެއާއި ދުރަށް ނަމަވެސް ދެ ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 2-3 ދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.