ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނަށް ސުވާލުކުރުމަށް ދޭ އިތުރު ވަގުތު 30 މިނެޓަށް ދަންމާލަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަޒީރަކު ހާޒިރުކުރުމުގެ ކުރިން އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލު އޮންނަނީ ހުށަހަޅައިފައެވެ. އަދި އެ ސުވާލަށް ވަޒީރު ޖަވާބުދާރީ ވެވަޑައިގަތުމަށް ފަހު މަޖިލީހުގެ އެހެނިހެން މެމްބަރުންނަށް ވެސް ވަޒީރާ ސުވާލުކުރުމުގެ ފުރުސަތު ދެއެވެ.

އެ ފުރުސަތުގެ ތެރެއިން ވަޒީރާ ސުވާލުކުރަން މިހާރު ލިބެނީ 20 މިނެޓެވެ.

ނަމަވެސް އެއީ މާ ކުޑަ ވަގުތުކޮޅެއް ކަމަށާއި އަދި ވަޒީރާ ސުވާލުކުރަން އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ގިނަ މެމްބަރުންނަށް ނުލިބޭކަމަށް މެމްބަރުން ވިދާޅުވެ އެވެ. މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ އާންމު ކޮމިޓީގެ ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ވެސް އެކަން ފާހަގަ ކުރެއްވި އެވެ.

އެހެންވެ ރަޝީދު ހުށަހެޅުއްވީ މިހާރު ލިބޭ 20 މިނިޓްގެ ފުރުސަތަަށް ފަހު ވަޒީރުގެ އިއުތިރާޒެއް ނެތް ނަމަ ސުވާލުކުރަން އިތުރު 10 މިނެޓް ލިބޭ ގޮތަށް ގަވައިދު އިސްލާހުކުރާ ށެވެ.

އެ ހުށަހެޅުން މަޖީލިހުގެ އާންމު ކޮމިޓީން ފާސްކުރީ މެމްބަރުންގެ އިއްތިފާގުން ނެވެ. އަދި އެކަމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނިންމާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު