ދުނިޔޭގެ ބްލަޑް ޑޯނަރުންގެ ދުވަސް ފާހަގަކުރުމަށް ލ.އަތޮޅުގައި ތަފާތު ހަރަކާތެއް ބާވައިފިއެވެ.

ތިކި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލް، ލ.މާވަށު ޕޮލިސް އަދި މޯލްޑިވިއަން ތެލަސީމިއަރ ސޮސައިޓީން އިންތިޒާމުކުރި މި އިވެންޓް ބާއްވާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ލ.މާވަށުގައެވެ.

"ވަގުތަށް" މަޢުލޫމާތު ދެމުން ތިކިގެ ފައުންޑަރ އަޙްމަދު އަނަސް ޙަބީބް ވިދާޅުވީ، މި ހަރާކާތުގެ ތެރެއިން ލ.މާވަށު ސްކޫލުގެ ބޮޑެތި ދަރިވަރުންނަށް ތެލަސީމިއަރ ސްކްރީނިންގ އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ ސެޝަނުގެ ތެރެއިން ތެލަސީމިއަރ ސްކްރީނިންގ ޓެސްޓް ވެސް ހަދައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާވަށު ސްކޫލުގެ ގްރޭޑް 7، 8 އަދި 10 ގެ ދަރިވަރުންނަށް ތެލަސީމިއަރ އަދި ތެލަސީމިއަރ ސްކްރީނިންގެ ގެ މުހިންމު ކަމާއި ގުޅޭގޮތުން މަޢޫލޫމާތު ސެޝަނެއް އަޅުގަނޑުމެން ނަގައިދިނީ. 50 ކުދިން ސެޝަންގަ ބައިވިރިވިއިރު 46 ވަނީ އެ ސެޝަން ތެރެއިން ތެލަސީމިއަރ ސްކްރީނިންގެ ޓެސްޓް ހަދާފަ" އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނަސް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން "ލާމު ބަތަލުން"ގެ ނަމުގައި ބްލަޑް ކޭމްޕެއް ވެސް ބާއްވާފައިވާ ކަމަށެވެ. އަދި މި ބްލަޑް ކޭމްޕުގައި 5 މީހަކު ލޭ ހަދިޔާކުރި ކަމަށާއި، ބްލަޑް ކޭމްޕުން ލިބުނު ލޭ ވަނީ މޯލްޑވްސް ބްލަޑް ސާރވިސަސް އަށް ހަދިޔާކޮށްފައި ކަމަށް އަނަސް ވިދާޅުވިއެވެ.

ތިކި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލް، ލ.މާވަށު ޕޮލިސް އަދި މޯލްޑިވިއަން ތެލަސީމިއަރ ސޮސައިޓީން އިންތިޒާމުކުރި މި ހަކަރާތް ކުރިޔަށް ގެންގޮސްފައިވަނީ ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަން، މޯލްޑިވްސް ބްލަޑް ސާރވިސަސް، ޝަބްނަމީ ހޯލްޑިންގް އަދި ކިލަމް ޓްރޭޑާސްގެ އެހީތެރިކަމާ އެކުގައެވެ.