މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އަހަރީ ޖަލްސާގައި އެ ޖަމިއްޔާއަށް އާ ރައީސަކާއި ނައިބު ރައީސަކު މިއަދު އިންތިހާބުކޮށްފިއެވެ.

ސްޓެލްކޯގައި ބޭއްވި ޖަލްސާ އަށް ހާޒިރުވެފައި ވަނީ 24 މެމްބަރުންނެވެ.

އެ ޖަލްސާގައި ފުރަތަމަ ކަމަކަށް އޮތީ އެ ޖަމިއްޔާގެ 2019، 2020 އަދި 2021 ގެ އަހަރީ ރިޕޯޓު ފާސް ކުރުމެވެ. ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ ރިޕޯޓުތައް ވަނީ ފާސްކޮށްފައެވެ.

އޭގެ ފަހުގައި، ޖަމިއްޔާގެ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ "ވަން އޮންލައިން" ގެ މެނޭޖިން އެޑިޓަރު، އަލީ ރިފްޝާނެވެ. އެ މަގާމަށް ރިފްޝާންގެ ނަން ހުށަހަޅާފައި ވަނީ "ވަގުތު" އޮންލައިނުންނެވެ. ރިފްޝާން ފިޔަވައި އިތުރު މެމްބަރަކު އެ މަގާމަށް ކުރިމަތިލާފައެއް ނުވެއެވެ.

ރިފްޝާން ކުރިން ހުންނެވީ އެ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގައެވެ.

މިއަދުގެ ޖަލްސާގައި ވަނީ ނައިބު ރައީސަކަށް ވެސް ބޭފުޅަކު އިންތިހާބުކޮށްފައެވެ. އެމަގާމަށް ކުރިމަތިލެއްވީ "ދުވަސް"ގެ ފައުންޑާ އަދި އެޑިޓަރު އަޒްމީ އަލީ އެކަންޏެވެ. އަޒްމީގެ ނަން ހުށަހެޅީ "ވަން އޮންލައިން" ގެ ފަރާތުންނެވެ.

ރިފްޝާން އާއި އަޒްމީގެ ނަން ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.