ގައުމީ މަންހަޖު އެންމެ އެދެވޭ ގޮތުގައި ތަންފީޒު ކޮށްފިނަމަ ކުރިމަގަށް ތައްޔާރު ވެފައިވާ ޖީލެއް ބިނާކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވީ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ވެސް ތައުލީމީ ދާއިރާގެ ކުރިމަގާ މެދު ވިސްނުންތަކެއް އުފަން ކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2015 ގައި ތަންފީޒުކުރަން ފެށި ގައުމީ މަންހަޖު އެންމެ އެދެވޭ ގޮތުގައި ތަންފީޒު ކޮށްފިނަމަ ކުރި މަގަށް ތައްޔާރު ވެފައިވާ ޖީލެއް ބިނާ ކުރެވޭނެ ކަމަށެވެ.

އަދި ދަރިވަރުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ އަށް ގާބިލިއްޔަތު ރަނގަޅަށް އަށުގަނެވޭނެ ކަމަށާއި އެކަން ކުރަން ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ނ. ހޮޅުދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއްގެ ރައްޔިތުން ތަރައްގިގެ މަގުގައި ކުރިއަށް ދާހާ ހިނދަކު، އެބައެއްގެ ތެރޭގައި އެންމެ އަވަހަށް ބަދަލުވަމުން ތަރައްގީވަމުން އަންނާނީ ތައުލީމީ ދާއިރާކަމަށެވެ.

ރައީސް ވިދާޅުވީ, ރާއްޖޭގެ ސްކޫލް މަދަރުސާތައް ތަރައްގީ ކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަނީ އެ ސަބަބަށްޓަކައި ކަމަށާއި ގައުމުގެ ކުރިމަގަށް ބޭނުންވާ ފެންވަރަށް ތައުލީމީ ހުނަރުވެރި މީހުން ބިނާކުރަން ޖެހޭ ކަމަށެވެ.

ދަރިފުޅު އިނގިލިކުރީގައި ލައިގެން، ސްކޫލް ދޮށަށް ދާ ފުރަތަމަ ދުވަހުން ފެށިގެން، ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި، ހާމަނުކޮށް އޮންނަ އަޒުމަކީ ތިމާގެ ދަރިފުޅަކީ ގާބިލު ހުނަރުވެރި ކުއްޖަކަށް ހެދުމުގެ އަޒުމް ކަމަށް ރައީސް ވިދާޅުވިއެވެ. ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދީގެން، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ބެލެނިވެރިންގެ އެ ޢަޒުމް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު