ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ރ.އަތޮޅު ކައުންސިލުން "ރ. ޓޫރިޒަމް އެކްސްޕޯ 2022" ބާއްވައިފިއެވެ.

މި އެކްސްޕޯގައި މޫދު ކުޅިވަރުގެ ހަރަކާތްތަކެއް ވަނީ ގެންގޮސްފައެވެ. އެ ހަރަކާތް ކުރިއަށް ދިޔައީ ހޮނިހިރު ދުވަހު ރ .ހުޅުދުއްފާރުގައެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބު އަޙްމަދު އާތިފްގެ އިތުރުން ރ.އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފްއެވެ.

މޫދުކުޅިވަރުގެ މިހަރަކާތްތަކުގެ ތެރޭގައި މިކަމުގެ ހުނަރު ދައްކާލުމާއި، މޫދު ކުޅިވަރުގައި ބޭނުންކުރާ އާލާތްތައް ސްކޫލްތަކާއި އާއްމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައިވެއެވެ. މޫދު ކުޅުވަރުގެ ހަރަކާތުގައި ރ.އަތޮޅުގެ ހަތް ރިސޯޓަކުން ބައިވެެެރިވެފައިވެއެވެ. މި ހަރަކާތްތަކުގައި ހުޅުދުއްފާރު، ރ. އުނގޫފާރު، ރ.މާކުރަތު، ރ.ރަސްމާދޫ އަދި ރ.އިންނަމާދު ސްކޫލުގެ މަތީގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

އަދި މިހަރަކާތާ ގުޅިގެން ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިހަރަކާތުގައި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ބައިވެރިވެފައިވެއެވެ.