ރާއްޖޭގެ ގައުމީ ތަރައްގީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ނައިބު ރައީސް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެކުންފުނީގައި އޮވެގެން ކަމަށެވެ. ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ، މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ސްޓެލްކޯއިން ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާ ކަމަށެވެ. މިގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެއާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓެލްކޯއަކީ އިޖުތިމާއީ ގިނަ ކަންކަންވެސް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވައި ސްޓެލްކޯގެ އޭރާއި މިހާރުގެ އިސްވެރިން ހިމެނޭ ގޮތުން ސްޓެލްކޯގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެފަރާތްތަކަށް އެހީތެރިކަމާ އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިޖަލްސާގައި ނައިބު ރައީސް ފައިސަލް ވަނީ ސްޓެލްކޯގެ ރޫފްޓޮޕް ސޯލާ ހަކަތަ ޕްރޮގްރާމް އަވިކަތަ އިފްތިތާހުކޮށް ދެއްވައިފައެވެ.

މީގެ އިތުރުން ސްޓެލްކޯގެ 25 އަހަރުގެ ތާރީހުގައި އެ ކުންފުންޏަށް ޚިދުމަތްކޮށް ދެއްވާފައިވާ މެނޭޖިންގ ޑިރެކްޓަރުންނަށް ދޭ އެވޯޑާއި، ދިގު މުއްދަތުގެ އެވޯޑު އަދި ބެސްޓް ޔުނިޓްހެޑް/ސްޓޭޝަން މެނޭޖަރުންނަށް ދޭ އެވޯޑު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

1949 ވަނަ އަހަރު މާލޭގައި ކަރަންޓްގެ ޚިދުމަތް ދޭން ފެށުނުއިރު، މާލޭގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ސަތޭކަ އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އުފައްދަވާފައި ވަނީ 1997 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭރުމީހާ

    ކޮންސްޓްޝަން މަސައްކަތަށް ބޭނުންވާ ތަކެތީގެ އަގާއި ތެލުގެ އަގު އެސް ޓީ އޯ އިންވަނީ ޑަބަލް ބޮޑުކޮށްފައެވެ. ސްޓެލްކޯ އިންވަނީ ކަރަންޓުގެ އަގު ބޮޑު ކޮށްފައެވެ. މިގޮތުން ކަސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ރައްޔިތުން އަތުން ސަރުކާރު ހިންގުމަށް ފައިސާ ނަގަމުންދާކަން އަހަރުމެންނަށް އެބައެނގެއެވެ. އެހެންވީމާ ކުންފުނިތަކުގެ ދައުރު ސަރުކާރަށް މުހިންމުވާނެ ނޫންތޯ!