ހަވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އަންނަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.

ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިންސްޓްޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބް ވިދާޅުވީ ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު ދުވަހުގެ މުއްދަތުން ނުބޭއްވި ފަސްވުމަށް ފަހުގައި ހަވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އޮކްޓޫބަރު މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"ދެ އަހަރުން އެއް އަހަރު ބާއްވަމުން އައި ކޮންފަރެންސްގެ ފުރަތަމަ ހަތަރު ކޮންފަރެންސް ބޭއްވީ މާލޭގައި. ފަސް ވަނަ އަހަރު ބޭއްވީ އައްޑޫ ސިޓީގައި. މާލެއިން ބޭރުގައި މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް މި ކޮންފަރެންސްގައި ލިބޭ މަންފާ އެންމެ ރަނގަޅު ގޮތުގައި ނެގުމުގެ ފުރުސަތު އެ ސަރަހައްދެއްގައި ދިރިއުޅޭ ޓީޗަރުންނަށް ދިނުން" ޝަކީބު ވިދާޅުވިއެވެ.

ނެޝަނަލް އިންސްޓްޓިއުޓްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ވަގުތު އިމޭޖްސް- އިބްރާހިމް ޝާބިލް

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ބާއްވަމުން އަންނަތާ މިހާރު ދިހަ ވަރަކަށް އަހަރު ވަނީ ވެފައެވެ. ހަވަނަ ކޮންފަރެންސު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ 2021 ވަނަ އަހަރެވެ. އެކަމަކު ކޮވިޑުގެ ސަބަބުން އެ ކޮންފަރެންސް ލަސްކުރީއެވެ.

މިއަހަރުގެ ކޮންފަރެންސްގެ ތީމް އަކީ އެޑިއުކޭޝަން ފޯ އޯ ކަރެންޓް ޕާސްޕެކްޓިވްސް އެންޑް ފިއުޗާ ޑިރެކްޝަންސްއެވެ.

މިގޮތުން މިއަހަރުގެ ކޮންފަރެންސްގައި ތައުލީމީ ދާއިރާ މިހާރު އޮތް ހާލަތާއި އަދި ކުރިޔަށް އޮތް ތަނުގައި ތައުލީމީ ދާއިރާގެ ކަންކަން ބައްޓަން ކުރުމުގައި ވިސްނަން ޖެހޭ ކަންކަމުގެ މައްޗަށް އަލި އަޅުވާލެވިގެންދާނެއެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމުލަ 250 އަށް ވުރެ ގިނަ ނޫން އަދަދަކަށް ބައިވެރިން ނަގާނެ ކަމަށް ވެސް އެންއައިއީން މައުލޫމާތު ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ގައުމުދެކެ ލޯބިވާ ބަޔަކު ރުފިޔާ ޗާޕްކޮށްގެން ގައުމުހިންގާ ދުވަސްވަރެއްގަ މިފަދަ ކަންކަން ނުކުރާނެ.

  2. ނަސީމާ

    ޓިޗަރުންނަކީ ދަރިވަރުން ވަރަށް ތަފާތުކުރާބައެއް، އެމީހުން ލޯބިވާނި މޮޅުކުދިންދެކެ، މުއްސަދި ޕޭރަންޓްގެ ދަރިން ދެކެ، މިއީ މިހާރު މާލޭ ގެ އިންޓަރނޭޝަނަލް ޕްރީ ސްކޫލުގައި ހިނގާ ކަންކަން