އައިޖީއެމްއެޗް ކައިރި ހުއްޓާ، ވަޅިއަކުން ހަމަލާދީގެން، ނޫރު އާދަމް ޙަސަންފުޅު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ގާތިލުން 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ނޫރު މަރާލާފައިވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 01:42 އެހާއިރުއެވެ. މިމައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޏ.ފުވައްމުލައް، ޝައިނީ، މުޙައްމަދު ސަމީހާއި، ހަމަ އެރަށު ނޯވެލް، މުޙައްމަދު ޝަމްލުގެ މައްޗަށެވެ. މި ދެމީޙުންގެ މައްޗަށް ވެސް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ އެ މާއްދާގެ (ޅ) ގެ ދަށުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާއަށް ދެމީހުން ވެސް ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ ދެމީހުންގެ މައްޗަށް ވެސް ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައެވެ.

މިމައްސަލަ ބެއްލެވި ގާޟީ ހަސަން ސައީދު އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން އުފުލާފައިވާ ދައުވާ މުހައްމަދު ސަމީހާއި މުހައްމަދު ޝަމްލުގެ މައްޗަށް ސާބިތުވާ ކަމަށާއި ކުށުގެ އުޤޫބާތެއްގެ ގޮތުން އިސްވެ ދެންނެވި ގާނޫނުގެ (ޅ)ގެ ދަށުން ކުށުގެ ޒާތާއި ބާވަތަށް ބަލާއިރު، މިއީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށަކަށްވުމުންނާއި އިންސާނާގެ ފުރާނައަށް އެއްޗެއް ހުރުމަތެއް ނުބަހައްޓައި ކުރި މި އަމަލުގައި އެއްވެސް ސިފައެއްގައި ދައުވާ ލިބޭ ފަރާތްތަކުން ބައިވެރިވެފައިވުމުން މިފަދަ ކުށްތަކަށް މީހުން އަރައިގަތުން ދުރުކޮށް މަދު ކުރެވޭނީ މިފަދަ އަމަލުތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދީގެން ކަމަށެވެ.

އެހެން ކަމުން މުހައްމަދު ސަމީހާއި މުހައްމަދު ޝަމްލު 25 އަހަރަށް ޖަލަށް ލުމަށް ގާޟީ ހަސަން ސައީދު ވަނީ ހުކުމް ކޮށްފައެވެ.

މުހައްމަދު ސަމީހާއި މުހައްމަދު ޝަމްލު 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކުރި ނަމަވެސް، ތަހުގީގަށް ބަންދުގައި އޮތް މުއްދަތު އުނިކުރުމަށްފަހު ދެން ތަންފީޒު ކުރަން ޖެހޭނީ 17 އަހަރާއި 9 މަހާއި 15 ދުވަސް ކަމަށް ވެސް ގާޟީ ވަނީ ފާހަގަ ކުރައްވާފައެވެ.

ނޫރު މަރާލި ރޭ ގާތްގަނޑަކަށް، 11:45 ހާއިރު، ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރުއާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ދިޔައެވެ. ޒަޚަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު އެ ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ނޫރުއާއި އިތުރު ބަޔަކު ތިއްބައި ސައިކަލެއްގައި ދިޔަ ދެ މީހުންގެ ތެރެއިން ސައިކަލްގެ ފަހަތުގައި އިން މީހާ ނޫރުގެ ކަރަށާއި އަރިކަށްޓަށް ވަނީ ހަމަލާދީފައެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ހަޅޭލައްވައި އަޑުގަދަ ކުރަން ފެށުމުން އައިޖީއެމްއެޗުގެ ޖަގަހަ ތެރޭގައި ތިބި ސެކިއުރިޓީ ބަލަހައްޓާ މީހުން ނުކުތްއިރު ހަމަލާދިން ވަޅި އެއްލާލުމަށްފަހު އެމީހުން ވަނީ ފިލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮރެންޒޯ ރަޖަބް

    ދޫ ނުކުރާތި އެކަކު ވެސް. މަރަށް މަރު ހިފާ!

    27
    1
  2. ހުސެން

    ސާބަސް ކީޕް އިޓް އަޕް

  3. ގަލަން ތުނޑު

    ޖުމުހޫރީ މައިދާނަށް ނެރެ ތިކަން ދީނުގައި އޮންނަގޮތަށް ދިރިތިބީންނަށް ޢިބްރަތަކަށްވާގޮތަށް ތިޔަހުކުމް ތަންފީޒްކޮށްލަބަލަ

    2
    1