ރާއްޖެއިން މި އަހަރު ހައްޖަށްދާ މީހުން ފުރަށް ފަށައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި އަހަރުގެ ހައްޖަށް އެ ކޯޕަރޭޝަނުގެ ހަވާލުގައި ދާ ހައްޖުވެރިންގެ ތެރެއިން ފުރަތަމަ ގުރޫޕް ރޭ ވަނީ ސައުދީ އަރަބިއްޔާއަށް ދިއުމަށް ފުރާފައި ކަމަށެވެ.

ފުރަތަމަ ގްރޫޕްގައި 157 މީހުން ހިމެނެއެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނަށް ލިބިފައިވާ އިރު މި އަހަރު ރާއްޖެއަށް ލިބުނީ 452 ޖާގައެވެ.

އޭގެ ތެރެއިން 352 ޖާގަ ހާއްސަކޮށްފައިވަނީ ހައްޖަށް ދާން އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ. އަދި ބާކީ 100 ޖާގަ އާންމުކޮށް ހުޅުވާލައިގެން ހޮވި މީހުންނަށް ވަނީ ދީފައެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންދަނީ 69،965ރ. އަށެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދު 76،960ރ އަށް ބޮޑުކޮށްފައެވެ. މިއީ 2014ގެ ފަހުން އެ ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދާ އަގު ބޮޑުކުރި ފުރަތަމަ ފަހަރެވެ.

އެހެންކަމުން މިހާރު އެ ކޯޕަރޭޝަނުން ވަނީ ހައްޖަށް ގެންދާ އަގު ކުރިއާ އަޅާކިޔާއިރު، 6،995ރ ބޮޑުކޮށްފައެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވާ 453 ކޯޓާއެވެ. މިފަހަރު ހައްޖަށް މީހުން ގެންދަން ސަރުކާރު ކަނޑައަޅާފައި ވަނީ ހައްޖު ކޯޕަރޭޝަން އެކަންޏެވެ.