ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ ގޮނޑުދޮށުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކުރުމާއި ޖުމްލަ 90 މީޓަރުގެ ދެ ގްރޮއިން ގާއިމުކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އަދި 80 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖަހާނެ ކަމަށާއި 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީ އިން ބުނެފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއަކީ 39.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.