އައްޑޫގައި ޖޫން މަހުގެ 02 ވަނަ ދުވަހު މަރާލި ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ މަރާއި ގުޅިގެން ބަންދުކުރެވިފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވައި ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އަޅައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އެކަމަށް ދަތިކުރަމުންދާ މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުރި ކުއްޖަކަށް އެހެން މީހަކު ނުފޫޒު ފޯރުވީ ކިހިނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ހައްޔަރުކުރި މީހާ އާއި ބަންދުގައި ހުރި ކުއްޖާއާއި ދެމެދު އޮތީ ކޮންގުޅުމެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. އާއްމު އުސޫލެއްގެ ގޮތުން ބަންދުގައި ތިބޭ މީހުންނަށް ބައްދަލު ކުރެވެނީ ގާނޫނީ ވަކީލުންނާއި އާއިލާގެ މެންބަރުންނާއިއެވެ. ނަމަވެސް ހައްޔަރު ކޮށްފައި ވަނީ ކުއްޖާގެ ވަކީލުކަމެއް ނުވަތަ އާއިލާ މެންބަރެއް ކަމެއް ވެސް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ފުލުހުން ވިދާޅުވީ ކުއްޖާއަށް ނުފޫޒު ފޯރުވި މައްސަލައިގައި މީހަކު ހައްޔަރު ކުރީ މިއަދު ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ހައްޔަރުކުރި މީހާގެ އިތުރުން މީގެއިތުރުންވެސް ބައެއް ފަރާތްތަކުން މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައި ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

އއްގޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އުމުރުން 21 އަހަރުގެ ޒުވާނާ މަރުވި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް މިހާތަނަށް ވަނީ 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނޭހެން ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދިންގެ އިތުރުން 18 އަހަރާއި 28 އަހަރާއި ދެމެދުގެ ފަސް ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު އަނެއްބައި މީހުންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ، މި މައްސަލައިގައި ތަހުގީގަށް މިހާތަނަށް ލިބިފައިވާ ކުރިއެރުމާއި އަދި ހޯދިފައިވާ ހެއްކާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޒެނެރަލްގެ އޮފީހާއިއެކު މަޝްވަރާކުރެވި ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ފުލުހުން މިރޭ ވިދާޅުވިއެވެ.

މުހައްމަދު ޒަޔާން މޫސާ މަރާލާފައި ވަނީ ދެގްރީޕެއްގެ ދެމެދުގައި ހިންގަމުން އައި ގްރޫޕް މާރާމާރީތަކެއްގައެވެ.