މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމަށް ހިންގާ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އެޅުމަށް ސަރުކާރުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް 84 މިލިއަން ރުފިޔާ ދީފިއެވެ.

މިނިސްޓްރީން މިއަދު ބުނީ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެތަނުގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ރޯޑް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ރޯޝަނީ މަގުގެ މަސައްކަތް ނިމިފައިވާ އިރު، ބަޖެޓު ނުލިބޭތީ އިތުރު މަގެއްގެ މަސައްކަތް ނުފެށި ހަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި ފަރީދީ މަގާއި ބުރުޒު މަގު ފަދަ މަގުތައް ހިމެނެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރިން "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ނުހިފެހެއްޓި ނަމަ، މަގު ހެދުމުގެ މަޝްރޫއުގެ ބޮޑު އިންސައްތައެއް މިހާރު އޮންނާނީ ކުރިއަށް ގޮސްފައި ކަމަށެވެ. މާލޭގެ މަގުތައް ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓިޖިކް ޕްލޭންގައި ހިމެނޭ ވަރަށް ބޮޑު މަޝްރޫއެކެވެ.

އަމީނީ މަގު ފެން ބިލްޑިން ކައިރި. --- ވަގުތު އިމޭޖަސް

"މަގު ހެދުމުގެ މަޝްރޫއު ނުހުއްޓުވި ނަމަ، ފުދޭ ވަރަކަށް ގިނަ މަސައްކަތް ނިމިފައި ހުންނާނީ. މިސާލަކަށް އަޅުގަނޑުމެންގެ ޕްލޭންގައި އޮތީ އަމީނީ މަގު އެއްކޮޅުން އަނެއްކޮޅަށް ތާރު އަޅާ ގޮތަށް މި ޕްރޮޖެކްޓުގެ ތެރެއިން. އެ މަޝްރޫއު ނުހިފެހެއްޓި ނަމަ، އަޅުގަނޑަށް ވަރަށް ޔަގީން މިހާރު އޮންނާނީ ތާރު އަޅާ ނިމިފައި،" މިދިޔަ އޭޕްރީލް މަހު ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި މާލޭގެ މަގުތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވާ އެއް މަގަކީ އަމީނީ މަގެވެ. އަމީނީ މަގުގައި އަޑިގުޑަންތައް ހުރުމުން އާންމުންގެ ޝަކުވާ ވެސް ބޮޑު ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއަށް ފައިސާ ނުދީ އެ މަޝްރޫއު ހިފަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ މަޝްރޫއަށް އައިއިރު ބަޖެޓު ވެސް އޮތީ ފާސްކޮށްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ކުރީގެ މާލޭ ސިޓީ ކައުންސިލާއި އާރުޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމަށް އާ ސިޓީ ކައުންސިލުން ބަދަލުތަކެއް ގެނެސް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ. މިއީ ކުރީގެ ކައުންސިލުން އާރުޑީސީއާ ހަވާލު ކުރި މަސައްކަތެކެވެ.

އެއްބަސްވުމުގެ ދަށުން 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ބޮޑުތަކުރުފާނު މަގާ އެކު 16 މަގެއްގައި ތާރު އަޅާނެއެވެ. އޭރު އަމާޒަކަށް ހަދާފައި އޮތީ މި މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އަމީނީ މަގުގައި ފެންބޮޑުނުވާނެހެން މަގު އުސްކޮށްފަ ތާރު އަޅާތި. ކުރިން މަގުހެދި މީހާ އެއް ގަލަށް ބާރަ ގާ ކޭ ގޮތަށް އެއް ފާޓާ ތާރުގެ ބަދަލުގައި ބާރަ ފާޓާ ތާރު ނުކާތި.

    12
    1
  2. ޚިނބޫ

    40 މިލިޔަން މަގުހެދުނަށް ބާކީ ޕާޓީ ކުދިންނަށް

    16
    2
  3. މަރިޔަމް

    މުއައްސަސާތަކަށް ބޭނުންވާ ބޭސިކް ރިސޯސް ފޯރުކޮށްނުވދެވޭއިރު ކޮންތާރެއް އަޅާކަށް.

    8
    2
  4. ހަގީގަތް

    ސިޓީ ކައުންސިލުން ކުރަން އުޅުނީމަ ބަޖެޓް ނުދީ

    12
    3
  5. Anonymous

    ސިޓީ ކައުންސިލުން ކުރަން އުޅުނީމަ ބަޖެޓް ނުދީ ހިފަހައްޓާފަ. ސަރުކާރުން ކުރިކަމަކަށް ހަދަން ވެގެން ކުރި ކަމެއްތީ

    18
    2
  6. ޝާޑް

    ވައްކަންކުރަން ހިންގާ ޕޮރެޖެކްޓެއް

  7. މިތުރާ.

    މީހުންގެ އިތުބާރު ގެއްލީ ރައްޔިތުން ތުހުމަތުގެ އިގިލި ދިގު ނުކުރާނެ 2ފުށް ފެނޭ ނަމަ!

  8. ހުދުތާރު

    ކުދިންނޭ މީހަމަ ޔާމީނަށް ޖެއްސުމަށް ކުރާކަންކަން..2023 ވިސްނާލާތި މީމިނިކާވަގުންކަން

  9. ޢެޑަމް

    ޥަރައްސުވާލުއުފެދޭ 39މިލިއަނައް
    ޙަވާލުވެ ސޮއިކޮއްފައޮތްކަމެއް
    އަަނެއްކާހަމަ އެކުންްފުންްޏާ84މިލި
    ޢަނައްދިނުމުން ވަރައްސުވާލުއުފެ
    ދޭ؟!