ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ހައްގުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްސާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި، ކައުންސިލުތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މި އިޞްލާހުގެ ދަށުން ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވޭ އިސްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ.

އަދި މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް މި އިސްލާހް ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 މަސް ދުވަސް ހަމަވާ ތާރީހުގެ ކުރިން ބަދަލުކުރަންޖެހެއެވެ.

އަދި، އެފަދަ ތަންތަން ހިންގުމަށް މި އިޞްލާޙަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާސީން

    ސޯލިހު ވީ އެއްކަންފަތުގަ ހިފާ ގޮންޑިން ނަގާފަ އެއްލާލަން. ވެރިކަމަށް ކުފޫ ހަމަ ނުވާ މީހުން ލައިގެން ގައުމު ބަރަހަނާވެ ދަރަނި ހައްދުން ނައްޓައިގެން ގޮސް އިންޑިޔާއާއި އެކު ނާޖާއިޒް ވަގު ޑީލްތައް ހަދައ ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ވީރާނާވެ ގޮސް އެމީހުންގެ އަތް ދަށަަށް ގައުމު ދޫވެ މުޖުތަމައު ލާދީނީވެ ފަސާދަކޮއްފި.

    7
    2