އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒަށް ދިޔަ ބަލި މީހަކަށް ނުބައި އިންޖެކްޝަނެއް ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ރޭ ބުނެފައި ވަނީ ފޭދޫ ހެލްތު ސެންޓަރުގައި ޑޮކްޓަރ ޖަހަން އިރުޝާދު ދެއްވި އިންޖެކްޝަން ނޫން އިންޖެކްޝަަނެއް ބަލިމީހާ ޖަޔަށް ޖެހިފައިވާ ކަމަށެވެ.

އެއާއެކު ބަލިމީހާގެ ހާލު ގާތުން ބެލުމަށް އޭއީއެޗްއަށް ގެނެސް އެނދުމަތި ކުރެވުނު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ބަލިމީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ހާދިސާ މިހާރު ދަނީ ބަލަމުން ކަމަށާއި އެ ހާދިސާގެ މައުލޫމާތު ނާސިން ކައުންސިލާ ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ.

ނުބައި އިންޖެކްޝަން ދިން ބަލިމީހާ ފޭދޫ ސިއްހީ މަރުކަޒައް ގެންދިޔައީ މިދިޔަ ބުދަ ދުވަހުގައެވެ. އެއީ ހުން އައިސް ހޮޑު ލެވޭތީއެވެ.

އާއިލާއިން ބުނީ ހޮސްޕިޓަލަށް ބަލިމީހާ ދިޔައިރުވެސް ހާލު އެހާ ގޯސްނުވާ ކަމަށާއި އޭރު ރަނގަޅަށް ވާހަކަވެސް ދައްކަމުން ދިޔަ ކަމަށެވެ.

ނަމަވެސް ފޭދޫ ހޮސްޕިޓަލުގެ ނަރުހެއް އައިސް އިންޖެކްޝަނެއް ދިނުމުން ވަގުތުން ބޮލަށް އެނބުރުން އަރައިގަނެ ހާލު ދަށް ވާން ފެށި ކަމަށް އާއިލާ އިން ބުންޏެވެ.

އާލިއާއިން ބުނީ ބަލި މީހާގެ ހިތުގެ ވިންދު އަވަސްވާން ފަށައި ލޭ ވެސް މައްޗަށް ދާން ފެށި ކަމަށެވެ. އެހެންކަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް އައިސީޔޫގައި ފަރުވާދޭން ފެށި ކަމަށްވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    ތިޔާހެން ކިތައްމެ ކަމެއް މިގައުމުގަ ހިގައިފި ކޮންކަމެއްބެލީ ، ބެލިޔަސް ވީކޮންކަމެއް. އަދި މިހޮސްޕިޓަލަށް ނިސްބައްވާ މީހުން ބުނަނީ މި އިންޖެކްޝަން ޖެހިޔަސް އެއްވިެސް ކަމެއް ނުވާނެއޭ. ކަމެއްވިޔަސް ނުވިޔަސް މީހެއްގެ ގަޔަށް ޑޮކްޓަރ ދޭ އިންޖެކްޝަން ނޫން އެހެން އިންޖެކްޝަނެއް ޖަހައިގެން ނުވާނެ.