ކުޑަގިރި ޕިކްނިކް އައިލެންޑްގެ މާސްޓާ ޕްލޭންގެ މަސައްކަތްތައް ނިންމާލެވުމުން އެތަނަކީ ހިތްގައިމުތަނަކަށް ވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ މާސްޓާ ޕްލޭންގެ ދަށުން އެރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިގޮތުން ހަޓުތަކާއި، ފާހަނާބަރި ފަދަ ތަންތަނުގެ އިތުރުން ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް ޕްލޭންކުރެވިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މާސްޓަރ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ ޕްލޭން އެކުލަވާލައި އެސްއޯއީ ތަކާއި ގުޅިގެން މި މަސައްކަތް އެޗްޑީސީއިން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ވަނީ ރާވާފައިކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އަދި ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެ ގޮތާއި މިފަދަ ޕްލޭންތަކަކަށްވެސް އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން ދަނީ ކުރެވެމުން ކަމަށާއި އަދި ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުންފަދަ ކަންތައްތައް ވަނީ ކުރެވިފަ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭންއާއި ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭންވެސް ވަނީ ޑިޒައިން ކޮށްފައެވެ. އަދި އެކުންފުނީގެ ސްމާޓް އިންފްރާސްޓްރަކްޗަރ ޓީމުން ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ގާއިމްކުރުމަށާއި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށްވަނީ ހަމަޖެހިފައިކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

"ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެއެވެ." އެޗްޑީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައޮފްބެ

    ތަންކޮޅެ ގިނައިން ގަސްއިންދާލަބަލަ

  2. ގިނިހިލަ

    ލިވާތު ކުރެވޭނެ އިންތިޒާމް ހަމަޖެހޭ ގޮތަށް ޕުލޭނުގައި ނޯންނާނެ ކަމަށް ހީކުރަން