ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޮޑު ބެކްލޮގެއް އުފެދި، ވަރި ކައިވެނީގެ މައްސަލަތައް ނުނިންމި އަށް މަހަށް ވުރެ ގިނަ ދުވަސްވެފައި ވާތީ އެ ރަށުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ރަށު މެޖިސްޓްރޭޓް ކޯޓުގައި އަށް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ވަރި ކައިވެނީގެ މައްސަލަތައް އެބަހުރި ކަމަށެވެ. އެހެންވެ، ގިނަ ބައެއްގެ ހައްގުތަކަކަށް އެކަމުގެ ސަބަބުން އުނިކަން އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އާ ވާހަކަ ދެއްކި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މައުލޫމާތު ދަންނަ މީހަކު ބުނީ އެރަށު މެޖިސްޓްރޭޓް ކޯޓަކީ ފަސް މެޖިސްޓްރޭޓުންގެ މައްޗަށް ބިނާވާ ކޯޓެއް ނަމަވެސް މިވަގުތު އައްޔަންކޮށްފައި ތިބީ ތިން މެޖިސްޓްރޭޓުން ކަމަށެވެ.

އަދި، އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ކުރައްވަނީ އެންމެ މެޖިސްޓްރޭޓެއް ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، މައްސަލަތައް ނުބެލި، ބޮޑު ބެކްލޮގެއް އުފެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން އާންމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރިކޮށްފައި ސާބިތުކުރަން ހުށަހަޅާފައި ހުރި މައްސަލަ ވެސް އެބަހުރި. ހަ މަސް، އަށް މަސް ވެފައި." އޭނާ ބުންޏެވެ.

ވަރި ސާބިތު ކުރަން ހުށަހަޅާ މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ނުނިންމިއްޖެ ނަމަ، ކައިވެނި ރުޖޫޢަ ކުރުމުގެ ހައްގު ގެއްލެއެވެ. އެހެންވެ، އެކަމުގެ ސަބަބުން އިޖްތިމާއީ ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެމަފިރިން ވަރިވާން ލާފައިހުރި މައްސަލަތައް ވެސް އެބަހުރި އަށް މަސް، ހަ މަސްވެފައި" އޭނާ ބުންޏެވެ.

ރާއްޖޭގެ ގިނަ ކޯޓުތަކުގައި ބޮޑެތި ބެކްލޮގްތައް ހުރެއެވެ. މައްސަލަތައް ނުނިމި ލަސްވާކަމުގެ ޝަކުވާއަކީ އަބަދުވެސް އަޑުއިވޭ ޝަކުވާއެކެވެ. އެކަމަކު، އެއްވެސް ސަރުކާރަކަށް އެކަމަށް އެދެވޭ ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަފީސާ

    ކޯޓުތެރޭ ހިންގާ ކަންކަން ކިޔަމުން ދަނީ ސީދި ޝާފއ

  2. ކަށި

    މިހާރު ކޯޓު ތަކުން ޔޯގާ ވެސް ހަދަޔޯ ކިޔާއަޑުއިވޭ ހާއްސަކޮށް މަރަދޫ ކޯޓުން

    7
    1
    • ނަމުންއެކަނި

      މަބުނީމެއްނުން އޭނާ ފުރަތަމަ ދިޔައިރު ވެސް ތިޔަހެންނޭވާނޫ!

  3. Anonymous

    އަހަރުން އެހެންވެ ތިތަނަށް ފޯމުނުލަނީ

  4. ކޮރު އިބިލީސް

    ޥަރި ނުކުރީމަ ނިމުނީ.
    ބޭރު ގައުމުތަކުގައި ވަރި ކޯޓުން ނިންމަން 5 އަހަރު ވަރު ނަގާ

    1
    2