ރާއްޖޭގެ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރަން ބަލާ އިރު ޔުނިވާސިޓީއެއްގައި ތިބެން ޖެހޭ އަދަދަށް ޕީއެޗްޑީ ލެވެލްގެ މުވައްޒަފުން އުފެދިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ޖީހާން އެގޮތަށް ވިދާޅުވީ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު ކުޑަކުރަން ގޮވާލައި މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެންނަން ގޮވާލައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި ބިލަށް ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ކޮލެޖެއް ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ އެ ކޮލެޖެއް ހިންގަމުންދާތާ 20 އަހަރު ވުމުންނެވެ.

ނަމަވެސް ނަސީމް ހުށަހެޅުއްވި ބިލުގައި ކޮލެޖެއް ހިންގާތާ 15 އަހަރު ވުމުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމަށް އިސްލާހު ހުށަހަޅާފައި ވެއެވެ.

އެ ބިލުގެ ބަހުސްގައި ޖީހާން ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކުގައި ވެސް ޕީއެޗްޑީ ފެންވަރަށް ކިޔަވާފައި ތިބޭ މުވައްޒަފުން ވަކި މިންވަރަކަށް ތިބޭ ކަމަށެެވެ.

ނަމަވެސް ރާއްޖޭގައި ކުރިއަށް އޮތް 10 އެއް ނޫނީ 15 އަހަރުގެ ތެރޭގައި ވެސް ޕީއެޗްޑީ ލެެވެލްގެ މުވައްޒަފުން އުފެދޭ މިންވަރަށް އެކަން އެގޮތަށް ހިންގަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް މިކަމަށް ރިއާޔަތްކޮށް މިހާރު މި ގާނޫނަށް ހުށަހެޅި އިސްލާހު އަޅުގަނޑުމެން ބަލައިގަންނަ ކަމަށް ވާ ނަމަ، މި އަހަރުގެ މުއްދަތަށް ތަޖުރިބާގެ ލެވަލް ދަށްކުރާ ކަމަށް ވަނީނަމަ ޑޮކްޓަރޭޓް ލެވެލްއަށް ކިޔަވާފައި ތިބި މުވައްޒަފުންގެ އަދަދު ކަނޑައަޅަން ޖެހޭނެ. އެއީ 10 ޕަސެންޓްއިން 15 ޕަސެންޓަށް އިތުރުވާން ޖެހޭނެ އަދަދެއް ކަމަށް އަޅުގަނޑު ދެކެން" ޖީހާން ވިދާޅުވިއެވެ.

އޭގެ އިތުރުން ޔުނިވާސިޓީއަކަށް ބަދަލުވާއިރު ފުލް ޓައިމް މުވައްޒަފުންގެ އަދަދު ވެސް ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރަން ޖެހޭނެ އަދި އެއީވެސް 15 އިންސައްތަ އަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ކޮލެޖުތަކުގައި ވަރަށް ގިނަ ޕާޓް ޓައިމް މުވައްޒަފުން ކިޔަވައިދޭކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުބީނު

    ރޯޔަލް ރޭޕްޕ މަތިން ހަނދާން ވަނީ. ލޮލް.

    16
  2. މަ

    ތިބުނީ ރޯޔަލް ރޭޕިސްޓުންއޭތަ؟

    15
  3. Anonymous

    ތަޖުރިބާހުންނާނެތާ

  4. Anonymous

    ގިނަ ނުވާނެތާ އެކަން ކުރެވެން ހުރި މަގުތައް ބަންދުކުރަންޏާ. ނަމަވެސް ދެން މާގިނަ ދުވަހެއް ނުވެ ގިނަ ވެދާނެ. އަވަށްޓެރި ގައުމުތަކުން އެ ވެސް ފުޅާ ދާއިރާއެއްގައި ވިއްކަން ފަށައިފި. އޭގައި ބައިވެރިވާކަށް ޝަރުޠެއް ނޯވޭ. އެ ދޭކަށް ވެސް ޝަރުޠެއް ނޯވޭ. ކޮންމެ މީހަކު ވެސް ގޮނޑީގައި އިށީނދެލީމާ ލިބޭ ގޮތަށް އެވެރިން އެކަން ރާވާފައިވަނީ. މާލޭގައި ވެސް އެބައުޅޭ އެ ވިއްކާ ބޭރު މީހެއް.

    10
  5. އަޙްމަދު ނަޝީދު

    އެހެންވީމާ ޕީއެޗްޑީ ކޯސްތަށް ހިންގަންވީނު ގިނައިން. މިހާރުވެސް އަޅުގަނޑުމެން މިތިބީ ޕީއެޗްޑީ އިން ލޯވް ހެދުމަށް އެދިއެދި. އެންމެ ފުރަތަމަ އިވުނީ 2021 ގެ ޖޫން ގަ އިއުލާންކުރާނެ ކަމަށް. ދެން އެތާރީޚް ފަސްކޮށް 2022 ވަނަ އަހަރު ގެ ޖެނުއަރީ ގަ އިއުލާން ކުރެވޭނެކަމަށް ، ދެން އޭގެ ފަހުގެ ތާރީޚަކީ ޖޫން 2022 ކަމަށް. ތާރީޚަކަށް ފަހު ތާރީޚް. މިހާރު އެބަ ކިޔާ ކީއްކުރާ ޕީއެޗްޑީ އެއްހޭ. ހީވާކަހަލަ މިހާރު ޕީއެޗްޑީ ހަދައިގެން ތިބިމީހުންނަށް ލިބޭ ފުރުޞަތު ގެއްލިދާނެ ކަމަށް ބިރުގަންނަހެން.

  6. ތާއީދު

    ރަނގަޅު ވާހަކަފުޅެއް. އަދި މިރާއްޖޭގައި ބައިވަރު ޔުނިވަރސިޓީ ހިންގާ ފެންވަރަކަށް ތަޢުލީމީ ފެންވަރު ގޮސްފައެއް ނެތް. އަދި ޕީއެޗްޑީ ހައްދަވައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައިވެސް ރިސާރޗް މަސައްކަތް ކުރައްވަނީ ވަރަށް ވަރަށް މަދު ބައެއް. ކުރުކޮށް ބުނާނަމަ ރާއްޖޭގައި މިހިރި މައްސަލަތަކާއި ކުރެވެން ހުރި ކަންކަމާމެދު ޔުނިވަރސިޓީ ލެވެލްގައި އެއްވެސް ދިރާސާއެއް ނުކުރެވެއޭ ބުނެވިދާނެ. އެކަހަލަ ކަންކަމާމެދު ވިސްނުން ނެތިފައި ކަމެއް ކުރާނެ ބަޔަކު ނެތީމާ ބޭރު މީހުން މިތަނަށް އައިސްގެން ވިސްނައި ފިކުރުކޮށްގެން ދިވެހިންގެ މެދުން ދިވެހިބަސް ނެތެމުންދާ ގޮތާބެހޭގޮތުން ދިރާސާކުރަންވެސް އެޖެހެނީ.

  7. އަހަންމަދު

    ޖީހާންއަށް ސާބަސް!