ފަނޑިޔާރު ކަމުގައި ހުންނަވައިގެން މަގާމާ އެކަށީގެން ނުވާ ވަރުގެ ބޮޑު ކަމެއް ކޮށްފި ނަމަ ފަނޑިޔާރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާ ހާލަތުގައި އެ ބޭފުޅެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ ފަނޑިޔާރަކު ކުރައްވާ އެކަށީގެން ނުވާ އަމަލެއްގެ ސަބަބުން މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައިފި ނަމަ، ނުވަތަ އޭނާގެ މައްސަލަ މަޖިލީހުގައި އޮއްވައި އިސްތިއުފާ ދެއްވައިފި ނަމަ އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވާ ގޮތަށެވެ.

އަލުން އެ ބޭފުޅަކަށް ވަކީލުކަން ކުރެވޭނީ ވަކި ކުރިތާ ފަސް އަހަރު ފަހުން އަލުން ހުއްދައަށް އެދި ހުއްދަ ހޯދައިގެންނެވެ. އަދި، ފަނޑިޔާރަކު ކުރި އަމަލަކީ މަގާމާ އެކަށީގެން ނުވާ ބޮޑު ކަމެއްކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގުން ސާބިތުވެއްޖެ ނަމަ މުޅި އުމުރަށް ވަކީލުކަމުގެ ހުއްދަ ގެއްލޭނެއެވެ.

ފަނޑިޔާރުންގެ ޖަމްއިއްޔާގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ ޖަމްއިއްޔާގެ ރައީސްގެ ހައިސިއްޔަތުން ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވަނީ އެފަދަ މައްސަލައެއް ބަލައި ނިންމުމަށްފަހު ސުލޫކީ އަދަބެއްގެ ގޮތުގައި ފަނޑިޔާރަކު ވަކިކުރަން ނިންމައިފިނަމަ އެ ހިސާބުން ސުލޫކީ އަދަބު ދެވި ނިމުނީ ކަމަށެވެ. އިތުރު އަދަބެއް ދޭންވާނީ ތަހުގީގެއް ހިންގުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ފަރާތުން މިއަދު މަޖިލީހުގައި: ފޮޓޯ ،މަޖިލިސް

"ފަނޑިޔާރަކު ވަކިކުރަން ނިންމައިފި ނަމަ، އަޅުގަނޑަށް ހީވަނީ އެ ހިސާބުން އެ ނިމުނީހެން. ދެން އޭނާގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅާނަމަ، އެ މީހެއްގެ މައްޗަށް ކުރެވުނު ސުލޫކީ ކުށުގެ ތުހުމަތާ ގުޅިގެން އިތުރު ޖިނާއީ ތަހުގީގެއް ހިނގައި، އެފަދަ ޝަރީޢަތެއް ކޮށް އޭގެ ތެރެއިން ދެން އެމީހަކަށް ލިބޭ އަދަބެކޭ ލިބެންވާނީ." ސުއޫދު ވިދާޅުވިއެވެ.

"އޭގެ އިތުރަށް ވަކީލުކަމުގެ ހުއްދަ ހިފަހެއްޓުމަކީ ވަރަށް ބޮޑު އަދަބަކަށް ވެދާނެ. އެހެންކަމަށްވާ ނަމަ އެއީ ރަނގަޅު ގޮތަކަށް ނުވާނޭ އެއީ އަޅުގަނޑު މިކަމުގައި ދެކޭ ގޮތަކީ،"

އެކަމަކު ސުއޫދު ވިދާޅުވީ ކޯޓެއްގެ ފަނޑިޔާރުކަމުގައި ހުންނެވުމަށް ފަހުގައި، ފަނޑިޔާރު ކަމުން ވަކިކުރުމުން ހަމަ އެކޯޓަށް ވަކީލެއްގެ ގޮތުގައި ވަޑައިގަތުމަކީ އެންމެ އެކަށޭނެ ރަނގަޅު ގޮތް ކަމުގައި ނުވާނެ ކަމަށެވެ. އެހެންވެ، އެފަދަ އަމަލުތައް ނެވުމަށް ފަހުގައި ފަނޑިޔާރު ކަމުން ވަކިކުރައްވާފަހުން އަނެއްކާވެސް ހަމަ އެކޯޓަށް ވަކީލެއްގެ ކަކީ ބާ ކައުންސިލުން ފިޔަވަޅު އަޅާ އަމަލުތައް ގޮތުގައި ހަދަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ފަރާތުން އިއްޔެ ޖުޑިޝަރީ ކޮމިޓީ އަށް ވަޑައިގެންނެވި އެހެން ބޭފުޅުން ވެސް ވަނީ އެ އިސްލާހާ ދެކޮޅު ހައްދަވާ، އެއީ މާ ބޮޑު އަދަބެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ގާނޫނުއަސާސީގަ ބުނާގޮތުން އެއްވެސް ކުށަކަށް ދެ އަދަބު ނުދެވޭނެ. މަގާމުން ވަކިކުރުން އަދަބަކަށް ވެފަ. ވަކީލުކަމުގެ ހުއްދަ ބާތިލް ކުރުންއެއީ ދެވޭ ދެވަނަ އަދަބު. މިއީ ކަނޑައެޅިގެން ގާނޫނުއަސަސީ އާއި ހިލާފް ކަމެއް.

  2. އަބްދޫ

    އެއްކުށަށް ދެއަދަބުދޭން މަޖިލީހުން އިސްލާހު ފާސް ކުރިޔަސް ގާނޫނުއަސާސީގަ ބުނަނީ އެއިސްލާހް ބާތިލްވާނެކަމަށް.